ކ. ދިއްފުށީގައި ހުރި މައްސަލަތަކާއި އެރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދިއްފުށި ރައްޔިތުންގެ ފަރާތުން އެރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ދިއްފުށި ކައުންސިލާއެކު އޮތް ބައްދަލުވުމެއްގައި އެރަށު ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ކަންކަން އަދި ރަށުގައި ހުރި ކަންބޮޑުވުންތަކުގެ ގޮތުގައި ރަށްގިރުމުގެ މައްސަލައާއި ރަށުގެ ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ މައްސަލަ ފާހަގަކޮށްފައެވެ.
އަދި ރަށުގެ ބިންހިއްކުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ލެބޯޓަރީގެ ހިދުމަތް އަވަށް ދިނުމަށް އެދުމުގެ އިތުރުން ރަށުގައި އެމްބިއުލާންސެއް ނެތުމުގެ މައްސަލަވެސް ކައުންސިލުން ރައީސްގެ އަރިހުގައި ފާހަގަކުރެއްވިއެވެ.
އަދި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާއި ސްކޫލަށް އާ މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގައި އިތުރު މިސްކިތެއްގެ އަޅައިދިނުމަށާއި ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީކޮށްދީ އެރަށުގައި އައުޓްޑޯ ޖިމުގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް ކައުންސިލުން އެދުނެވެ. އަދި ރަށަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށްވެސް ދިއްފުށި ކައުންސިލުން މިއަދު ރައީސްގެ އަރިހުގައި އެދުނެވެ.
އެކަންކަމަށް ރިއާޔަތްކުރައްވާ ރައީސް ސޯލިހު ވަނީ ކައުންސިލްގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ. ކައުންސިލްގެ ކަންބޮޑުވުންތަކާއެކު ރައީސް ވަނީ ދިއްފުށީގައި ބިންހިއްކައި ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާ ހިއްސާކުރައްވާފައެވެ. އެގޮތުން ބިންހިއްކާއިރު ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަވެސް ހައްލު ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލާންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކަށްވެސް ރައީސް އެ ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރި އިތުރު ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތައްވެސް އެމަނިކުފާނު އެ ބައްދަލުވުމުގައި ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މި ސަރުކާރުގައި ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަންވެސް ފާހަގަކުރައްވާފައެވެ.