ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުންފުންޏަކުން ބިޑާއި ޕްރޮޕޯސަލް ހުށަހަޅައި ބަލައިގަތުމަށް ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ. އެ ޕޯޓަލް ތައާރަފްކުރީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
އެޗްޑީސީން އެ ޕޯޓަލް ތައާރަފްކުރި މައިގަނޑު މަގްސަދެއްގެ ގޮތުގައި އެކުންފުނިން ބުނީ ބިޑަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަވާނޭ ގޮތަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ކުރިޔަށް ގެންދިޔުމާއި ކަރުދާސް ބޭނުން ކުރާ މިންވަރު މަދުކުރުންކަމަށެވެ.
އެ ޕޯޓަލްއަކީ ބިޑް އަދި ޕްރޮޕޯސަލް އޮންލައިންކޮށް އެއް ޕޯޓަލްއެއް މެދުވެރިކޮށް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލި އެންމެ ފުރަތަމަ އޮންލައިން ޕޯޓަލްއެވެ. އެގޮތުން އޮންލައިންކޮށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ވަގުތު ސަލާމަތްވެ ފަސޭހަކަމާއި އެކީ އެމަސައްކަތް ކުރުމަށް މަގުފަހިވެގެންދާނޭކަމަށް އެޗްޑީސީން ބުނެއެވެ.
We have officially launched our Bids & Proposal Submission Portal today!
You can now check potential business opportunities and submit bids and proposals free of hassle through this portal.
Link: https://t.co/YRG6gvl0GN pic.twitter.com/XMmOYRe6vX
— HDC (@hdcmaldives) January 9, 2022
އެ ޕޯޓަލް މެދުވެރިކޮށް ބިޑްތަކުގެ ސްޓޭޓަސް ބަލާލުމުގެ އިތުރުން ޕްރޮޕޯސަލްތަކަށް ހުށަހަޅާ ފަރާތްތަކަކީ މިކަމަށް ގާބިލު ފަރާތެއްކަންވެސް ޔަގީންކުރެވޭނެއެވެ. އެޗްޑީސީގެ ފަރާތުން ހުޅުވާލާ އާރްއެފްޕީތަކާއި ބިޑްތަކަށް ޕްރޮޕޯނަންޓްސްއާއި ވެންޑާސްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ޕްރޮޕޯސަލް އަދި ބިޑް ހުށަހެޅޭނެއެވެ.
އެ ޕޯޓަލް ބޭނުންކުރުމަށް އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. އަދި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައްވެސް ހުށަހަޅަންޖެހޭނެއެވެ. އޭގެއިތުރުންވެސް ބިޑްތަކާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށްވެސް އެ ޕޯޓަލް ބޭނުންކުރެވޭނެއެވެ. ބިޑް އަދި ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލް ގެ ހިދުމަތް ލިބޭނީ އެކޯޕަރޭޝަންގެ މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށެވެ.
އެޗްޑީސީގެ ފަރާތުން މިހާރުވެސް މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް އާންމުންނަށް ފޯރުކޮށްދެއެވެ.
މިއަދު އިފްތިތާހުކުރި ބިޑް އަދި ޕްރޮޕޯސަލް ހުށަހަޅާ ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމް އެވެ.