ކުދި އަދި ކުދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.
މިނިސްޓްރީން އާއްމުކުރި މި ގަވާއިދުގައި ވާ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަނީ ތިން ގިންތިއަކަށް ބަހާލާފައެވެ. އެއީ އެންމެ ކުދި ފަންތީގެ ވިޔަފާރި، ކުދި ފަންތީގެ ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިއެވެ.
ވަކި ގިންތިއަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލަނީ އެ ވިޔަފާރީއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދަށާއި، އަހަރަކަށް ލިބޭ ޖުމްލަ އާމްދަނީގެ އިތުރުން އަހަރަކަށް ލިބޭ ސާފު ފައިދާގެ އަދަދަށެވެ.
ބުނާ ގިންތި އަށް ނުފެތޭ ނަމަ، އެ ވިޔަފާރިއެއް ގިންތި ކުރުމުގައި ބަލާނެ މިންގަނޑާއި އެކު އެކަން ކުރަން ޚާއްސަ ފޯމިއުލާއެއް މި ގަވާއިދުގައި ހިމަނާފައިވެއެވެ.
ވިޔަފާރި ގިންތިކުރުމަށް އެދި، އެ ވިޔަފާރިއަކުން ހުށަހަޅަން ބޭނުންވެއްޖެ ކޮންމެ އިރެއްގައި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށް، ހުށަހެޅޭގޮތަށް ވަނީ ހަދާފައެވެ.
އަލަށް ރަޖިސްޓަރީ ކުރާ ކޮންމެ ވިޔަފާރިއަކުން، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރަން ހުށަހަޅާ ލިޔެކިޔުންތަކާއެކު، ރަޖިސްޓަރީ ކުރާ ތާރީހުން ފެށިގެން ކުރިއަށް އޮތް 12 މަސް ދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ބަލާ، ގިންތިއެއްގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، ރެޖިސްޓްރާރ އަށް ހުށަހަޅަން ޖެހެއެވެ.