ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ވާންޔީ ރާއްޖެ ވަޑައިގެންނެވީމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ. މިއީ ރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.
މިނިސްޓަރ ވާން ޔީ ފުރާވަޑައިގެންނެވީ އިއްޔެއެވެ. ދެން އެމަނިކުފާނު ވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާއަށެވެ.
ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާއި މެދު މުހިއްމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އޭގެތެރޭގައި، ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގެ އިތުރުން ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމެއް ހިމެނެއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ.