މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުންދަނީ ރަޝިޔާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން 6,700 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ކަމަށްވާ 24،527ގެ 27.3 އިންސައްތައެވެ.
މިދިޔަ އަހަރގެ ޑިސެމްބަރު 29ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރީ އިންޑިއާއިންނެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާއިން 290,920 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވަނީ ކޮވިޑް-19ގެ އައު ވޭރިއެންޓް، އޮމިކްރޯންގެ ކޭސްތައް އިތުރުވެ، ފިޔަވަޅުތައް ވަރުގަދަކޮށްފައިވާތީ ކަމަށް ބެލެވެއެވެ. މިއަހަރު އިންޑިއާއިން ރާއްޖެ އައިސްފައިވަނީ 1,480 ފަތުރުވެރިންނެވެ. އެއީ 6 އިންސައްތައެވެ.
ރަޝިޔާއަށް ފަހު ދެން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރަމުންދަނީ އިޓަލީއާއި ޖަރުމަނުގެ ފަތުރުވެރިންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އިޓަލީއިން 3,162 ފަތުރުވެރިން އައިސްފައިވާއިރު ޖަރުމަނުން 1,665 ފަތުރުވެރިން އައިސްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް 24،527 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 56.4 އިންސައްތައިގެ ކުރިއެރުމެކެވެ. އެވަރޭޖްކޮށް ދުވާލަކު 4905 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރަމުންދާއިރު، މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ރާއްޖެއަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފްކުރެވުމާއި އެކުވެސް މިއަހަރު އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ.
މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އަންދާޒާ ކޮށްފައިވަނީ ބެސްޓް ކޭސް ސިނާރިއޯގައި ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. އަދި މޮޑަރޭޓް ކޭސްގައި 1.6 މިލިއަން އަދި ވަރސްޓް ކޭސް ސިނާރިއޯގައި 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. އެއާއެކު، ބެޑް ނައިޓްސް ހުންނާނެ ކަމަށް ލަފާ ކުރެވެނީ 9.8 މިލިއަނާއި 11.5 މިލިއަނާ ދެމެދުގެ އަދަދެއްގައެވެ.