ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ވާންގް ޔީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރާތުގެ ތެރެއިން

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ވާންގް ޔީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވާންގް ޔީ، ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ވަނީ ގިނަ ކަންތައްތަކާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރު 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ، ދެބޭފުޅުން ވަނީ މި ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައާއި، ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމެވެ. އެމަނިކުފާނު ވަނީ ޗައިނާގެ ސަރުކާރަށް މިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މިނިސްޓަރ ވާންޔީ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަދެއްކެވިއެވެ.

ފޮރިން މިނިސްޓަރ ވިދާޅުވީ ގައުމުގެ ޙާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި، އެއްބައިވަންތަކަމާއި، އެހެން ގައުމުތަކުގެ ސިޔާދަތައް ކުރާ އިހުތިރާމްގެ މައްޗަށް ކަމަށެވެ. އަދި މީގެ ރާއްޖެ ހިމެނޭހެން ތަރައްގީވަމުން އަންނަ ހުރިހާ ގައުމެއްގެ ކުރިއެރުމުގައި ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައި ވާން ޔީ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުންދެ ބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުންނާއި ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ކަންކަމުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *