އަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާ އަށް ދާ ހުރިހާ ގައުމެއްގެ މީހުންވެސް ހަފްތާއަކަށް ކަރަންޓީނުވާން ޖެހޭނެކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
އެ ގައުމުގެ ހެލްތު މިނިސްޓްރީން އެ އުސޫލު ނެރުނީ ކޮވިޑް-19ގެ އާ ވޭރިއެންޓް އޮމިކްރޯންގެ ކޭސްތައް އިތުރުވެ ނުރައްކާ ބޮޑުވަމުންންދާތީއެވެ.
އެ އުސޫލުގައި ވަނީ އިންޑިއާއަށް އެތެރެވުމުގެ ކުރިން 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެކަމަށް ބުނެފައެވެ. އަދި އެގައުމަށް އެތެރެވުމަށްފަހުވެސް އެއާޕޯޓުން ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެކަމަށް އެ އުސޫލުގައި ބުނެއެވެ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ނަމަ، އެ މީހަކު ކަރަންޓީނުވާން ޖެހޭނީ ހަފްތާއަކަށެވެ.
ކަރަންޓީނަށްފަހު ދެން ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެކަމަށް އެ އުސޫލުގައި ބުނެއެވެ. އެދުވަހު ނަގާ ސާމްޕަލް ޕޮޒިޓިވް ވެއްޖެ ނަމަ އެ ސާމްޕަލްގެ ޖީނޯމް ޓެސްޓިން ހަދަން ފޮނުވާނެކަމަށް އުސޫލުގައި ބުނެއެވެ. އަދި އެމީހަކު ކަރަންޓީނުވާން ޖެހޭނީ އައިސޮލޭޝަން ފެސިލިޓީއެއްގައި ކަމަށްވެސް އެ އުސޫލުގައި ބުނެއެވެ.
އޮމިކްރޯން ވޭރިއެންޓާއި ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ ދަތުރުފަތުރުކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އިންޑިއާއިން މި އެޅި އާ ފިޔަވަޅުތަކާއެކު ރާއްޖެއިން އިންޑިއާއަށް ދަތުރުކުރާ މީހުންވެސް އެ އުސޫލުގެ ދަށުން ކަރަންޓީނުވާން ޖެހޭނެއެވެ.