ރާއްޖެއާ ޗައިނާއާ ދެމެދު ރަސްމީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ ރަސްމީ ލޯގޯ އިފްތިތާހުކުރައްވަނި. ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގާތް ގުޅުން ބިނާވެފައިވަނީ އިހުތިރާމުގެ މައްޗަށްކަމަށާއި އަދި އެގުޅުން އިތުރު ހަރުފަތަކަށް ދާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރު ވެންގް ޔީ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ދެބޭފުޅުން އެއްކޮށް ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓްއެއްގެ ތެރެއިންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއަކީ އަބަދުވެސް އިތުބާރު ހިފޭ ބައިވެރިއެއްކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ޗައިނާއާ އޮންނަ ގުޅުމަށް އިހުތިރާމްކޮށް، އެ ގުޅުން ދެމެހެއްޓުމަށްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހުރިހާ ދާއިރާއަކުންވެސް އެއްބާރުލުން އިތުރުވެގެންދާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ދާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުން މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރިއިރު ވޭތުވެދިޔަ ބައި ގަރުނު ތެރޭ ޗައިނާއަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ބައިވެރިއެއްކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމާއި، ކެޕޭސިޓީ އިތުރުކުމާޢި އިންފްރާސްޓްރަކްޗާގެ ތަރައްގީއަށާއީ ފަތުރުވެރިކަމުގެ ދާއިރާއިން ޗައިނާއިން ގިނަ އެހީތަކެއް ރާއްޖެއަށް ވެދީފައިވާކަންވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ޒިޔާރަތުގައި މިއަދު ދެ ގައުމުގެ މެދުގައި ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އޭގެތެރޭގައި، ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގެ އިތުރުން ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމެއްގައިވެސް މިއަދު ދެގައުމުން ވަނީ ސޮއިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *