ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔި. ފޮޓޯ: ފޮރިން މިނިސްޓްރީ

ފުރަތަމަ ފަހަރަށް ވިސާއަކާއި ނުލާ ދިވެހިންނަށް ޗައިނާއަށް އެތެރެވެވޭނެ އެއްބަސްވުމެއް ދެގައުމުގެ ދެމެދުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވޭންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރެއްވުމަށް މިއަދު ފޮރިން މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ އެއްބަސްވުމާއެކު ރާއްޖެއާއި ޗައިނާގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތަކަށް އަނެއް ގައުމަށް ވިސާއަކާ ނުލާ ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ އެއްބަސްވުމުގެ އިތުރުންވެސް މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އިތުރު މުހިންމު ހަތަރު އެއްބަސްވުމެއްގައި ދެގައުމުން ވަނީ ސޮއިކޮށްފައެވެ. ކޮންމެ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ދެ ގައުމުގެ ފަރާތުންވެސް އެ ދާއިރާއަކާއި ގުޅުން ހުރި އިދާރާއެއްގެ އިސް ބޭފުޅެކެވެ.

އެ އެއްބަސްވުންތަކަކީ:

  • ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުން
  • ވިސާ އެގްޒެމްޝަން އެއްބަސްވުން
  • ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުން
  • ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުން

ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ފުރުމުގެ ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެއެވެ.  އަދި ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ.  މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް ނުވަތަ ކޭމްޕެއް  ޗައިނާއިން ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭރު ސޮއިކުރެވުނު ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ހާއްސަ ކޭމްޕެއް ހިންގާފައެވެ.  މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ހިލޭ އެހީގެ އެއްބަސްވުމުގެ ދަށުން  ޗައިނާ ސަރުކާރުން 62.8 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެއެވެ. އެ އެހީ އަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދިން އެހީއެއްކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމަކީ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައި ވެއެވެ. އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރާނެއެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *