ރާއްޖެއާއި ޗައިނާއާ ދެމެދު ކުރިޔަށްދިޔަ ރަސްމީ މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ.

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވޭންގް ޔީއާއެކު މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި ދެގައުމުގެ ދެމެދު ސިއްހީ، އިގްތިސާދީ އަދި ތަރައްގީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި އޮތް އެ ބައްދަލުވުމުގައި ދެބޭފުޅުންވެސް މަޝްވަރާތައް ކުރިޔަށް ގެންދެވީ ދެގައުމުގެ ދެމެދުގައި މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އެވެ. ރަސްމީ ވާހަކަތަކުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުނުކަންވެސް އެބައްދަލުވުމުގައި ފާހަގަކުރިއެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތާއި، ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުތައް ފާހަގަކުރައްވައި އެފަދަ މަޝްރޫއުތަކަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދިން ދީލަތި އެހީތަކަށް ޗައިނާގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

އޭގެއިތުރުން އެމަނިކުފާނު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި އަދި ބަލިމަޑުކަމާއި ގުޅުންހުރި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ވެދެއްވި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ. ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖެއަށް ކުރައްވާ އެ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށްވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *