ނައިޓް މާކެޓް ހުއްޓުވުމުން އިހުތިޖާޖު ކުރަނީ. ފޮޓޯ: ވަގުތު ނޫސް

މާލެ ސަރަހައްދުގައި މިފަހުން ބޭއްވި ނައިޓް މާކެޓްތަކަށް ދީފައިވާ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަކަށް ބާތިލުކުރުމާއެކު ނައިޓް މާކެޓްތައް ހިންގާ ވިޔަފާރިވެރިން އެކަމާއި ދެކޮޅަށް މާލޭގެ ރަސްފަންނު ސަރަހައްދުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިހާރު ކުރިޔަށްދާ އެ އިހުތިޖާޖުގައި ވިޔަފާރިވެރިން ދަނީ އެޗްޕީއޭއިން ނައިޓް މާކެޓް ބޭއްވުމަށް ދީފަ އޮތް ހުއްދަ ބާތިލުކުރުމާއި ދެކޮޅަށް އަޑުއުފުލައި ހިޔާލު ފާޅުކުރަމުންނެވެ. އެސަރަހައްދުގައި އިހުތިޖާޖުކުރަމުންދާ ބައެއް ފަރާތްތަކުން ވަނީ އެޗްޕީއޭއިން ކައިވެނި ހަފްލާތައް ފަދަ އާންމު އެއްވުންތައް ނުހުއްޓުވައި ނައިޓް މާކެޓްތައް ހުއްޓުވަނީ ކީއްވެގެންރޯ ސުވާލުއުފައްދާ ޕޯސްޓަރުތަކެއް ހިފައިގެން ހަރަކާތްތެރިވަމުންނެވެ.

އެޗްޕީއޭއިން ނައިޓް މާކެޓްތަކަށް ދީފައި އޮތް ހުއްދަ ބާތިލުކުރީ މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއެކުގައެވެ. އެގޮތުން މިފަހުން މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 100 އިން މަތީގައި ހުންނަތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، މިފަހުން އެފްރިކާ ބައްރުން އެންމެ ފުރަތަމަ ފެނުނު އޮމިކްރޯން ވޭރިއެންޓް ރާއްޖެ ހިމެނޭހެން ދުނިޔޭގެ ގިނަ ސަރަހައްދުތަކުން  ފެންނަން ފެށުމާއެކުގައި، ކޮވިޑުގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެސް ދަނީ އިތުރު ވަމުންނެވެ.

އެޗްޕީއޭއިން ނައިޓް މާކެޓްތަކުގެ ހުއްދަ މި ބާތިލުކުރީ އެންމެ ފުރަތަމަ ހުއްދަ ބާތިލުކުރަން ނިންމި ނިންމުން ބަދަލުކުރުމަށްފަހު ގައިދުރުކަމާއެކު ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމަށްފަހުއެވެ. އެނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން ނިންމީ އެ ހުއްދަ އެއްކޮށް ބާތިލުކުރާށެވެ. އެގޮތުން ނައިޓްމާކެޓްފަދަ ޖާގަ ކުޑަ ތަންތަނުގެ ތެރޭގައި ގައިދުރުކޮށްގެން އުޅެވޭނެ ގޮތެއް ނޯންނާނެކަމަށާއި އަދި މީހުން މަދުވާނެ ގޮތެއްވެސް ނޯންނާނެކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ހުއްދަ ބާތިލުކުރިއިރު، މިފަހުން މާލޭގައި ދެ ނައިޓްމާކެޓް އަދި ހުޅުމާލޭގައިވެސް ވަނީ ނައިޓްމާކެޓްތަކެއް ބާއްވައިފައެވެ. އެ ނައިޓްމާކެޓްތަކަށް ގިނަ ބަޔަކު ވަނީ ޒިޔާރަތްވެސް ކޮށްފައެވެ. ނައިޓް މާކެޓްތަކަކީ އާންމުކޮށް ވިޔަފާރިތަކާއި ފިހާރަތަކަށް ބޮޑެތި ފައިދާތަކެއް ގެނުވާ ހަރަކާތްތަކެކެވެ. ކޮވިޑުގެ ކުރިން ރޯދަ މަހާއި ދިމާކޮށް އަބަދުވެސް މާލޭގައި ނައިޓް މާކެޓް ބާއްވައެވެ. އެޗްޕީއޭއިން ނައިޓްމާކެޓްތަކުގެ ހުއްދަ ބާތިލުކުރިއިރު، ކޮވިޑުގެ އެންމެ ހާލަތު ގޯސްވަގުތުގައި އެޗްޕީއޭއިން ރެސްޓޯރެންޓް ކެފޭތައް ބަންދުކުރަން ނިންމުމާއި ދެކޮޅަށްވެސް ބައެއް ވިޔަފާރިވެރިން ވަނީ އޭރު މުޒާހަރާކޮށްފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *