ށ. ކޮމަންޑޫގައި ޒަމާނީ އިންޖީނުގެއެއް އަޅައި އެ ރަށު ރައްޔިތުންނަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ.
ކުރިން އެ ރަށުގައި ހުރި އިންޖީނުގެ ހުންނަނީ ރަށުގެ މެދަށެވެ. އަދި ކެޕޭސިޓީއަކީ 970 ކިލޯވަޓްއެވެ. ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލެއް 'ޖަޒީރާ' އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ރަށުގައި އެ ކުންފުނިން ގާއިމުކުރި އައު އިންޖީނުގެއާއި އެކު ކެޕޭސިޓީ 1.3 މެގަވަޓަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ފެނަކައިން އެ ރަށުގައި އައު އިންޖީނު ގެއެއް ގާއިމުކޮށް ހިދުމަތް ދޭން ފެށިއިރު، ކުރިން އެ ރަށުގެ އިންޖީނުގެ ހުންނަނީ ރަށު ރައްޔިތުން ދިރިއުޅޭ ގެތަކާއި ކައިރީގަކަމުން ރައްޔިތުންނަށް އެތަނުގެ އަޑުގެ ސަބަބުން ގިނަ އުނދަގޫތަކެއް ކުރިމަތިވެއެވެ.

ށ. ކޮމަންޑޫގެ ބާ އިންޖީނުގެ
އާ އިންޖީނުގޭގެ ހިދުމަތް ދޭން ފެށިކަން ފާހަގަކުރައްވާ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ކުރެއްވި ވިދާޅުވީ އާ އިންޖީނު ގޭގެ ސަބަބުން ކޮމަންޑޫ ރައްޔިތުންނަށް އުފާވެރިކަމާއި ހިތް ފަސޭހަކަން ގެނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޖުމްލަ 7.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި އެ މަޝްރޫއު ފެނަކައިން ހަވާލުކުރީ އަންލިމިޓެޑް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގައި އިންޖީނު ބަހައްޓާ އިމާރާތަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ އިމާރާތެއްގެ އިތުރުން ފިއުލް ސްޓޯރޭޖެއް ގާއިމުކޮށްފައިވެއެވެ.
ފެނަކައިން މިހާތަނަށް 39 ރަށެއްގައި ޒަމާނީ އިންޖީނުގެތައް ގާއިމުކޮށްފައިވާއިރު، މިހާރުވެސް 31 އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.