ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގައި ބައިވެރިވަޑައިގެންނެވުމަށް ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރާޝިދުގެ ކެމްޕޭން ރޭ ރަސްމީކޮށް ފަށާފައިވާއިރު، ކެމްޕޭން ފެށުމުގެ ޖަލްސާގައި ރައީސްގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި، ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައިވެއެވެ. އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޮމަންޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކޮމަންޑުއާ ޖެހިގެން އޮތް މަތިކޮމަންޑޫ އެރަށާއި ގުޅުވާލުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފަށާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހުރިއްޔާ @ibusolih އާއި ޕާޓީގެ އިސްބޭފުޅުން ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ލޯންޗިންގް ޖަލްސާގައި ބައިވެރިވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގަތުން pic.twitter.com/IIYTxK29m4
— MDP Secretariat (@MDPSecretariat) January 8, 2022
އޭގެއިތުރުން ރައީސް ވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޑްރަގާއި، ވަގުވިޔަފާރި، މަނީލޯންޑަރިން އަދި ބަޣާވާތާ ދެކޮޅަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. ދަތުރުފުޅުގައި ރައީސް ވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ އިންޖީނުގެ ރަށު މެދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އޮތް ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އޭނާ އަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. ރާޝިދަކީ ރައީސް ސޯލިހު ނިސްބަތްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދުވަސްވީ މެމްބަރެއްވެސްމެއެވެ. ރާޝިދަށް އެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ލިބުނީ އޭނާއާއެކު އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އިތުރު މީހަކު ކުރިމަތިނުލުމުންނެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ވާދަކުރަނީ ތިން ޕާޓީ އަކުންނެވެ. އެއީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީއެވެ.