ރޭގެ ވަގުތެއްގައި ފ. ނިލަންދޫގައި ކުޑަކުދިންތަކެއްގެ މެދުގައި ހިނގައިދިޔަ މާރާމާރީއެއްގައި އެއް ކުއްޖަކަށް ބޮޑެތި ޒަހަމްތަކެއް ލިބި، ފަރުވާ ދިނުމަށް މާލެއަށް ބަދަލުކޮށްފިއެވެ.
ނިލަންދޫ ކައުންސިލް މެމްބަރަކު 'ޖަޒީރާ' އަށް ވިދާޅުވި އެހާދިސާގައި ޖުމްލަ ހަތް ކުދިން ހިމެނޭކަމަށާއި އެތަނުން މާރާމާރީ ހިންގައި ކުއްޖަކަށް އަނިޔާކުރުމުގައި ހަރަކާތްތެރިވެފައިވަނީ ހަތަރު ކުދިންކަމަށެވެ. އަދި އަނިޔާ ލިބުނު ކުއްޖާގެ ގައިގައި ގަލުން ތަޅައި، ބޮލުގެ ތިން ތަނަކުން ފަޅާލާފައިވާކަމަށްވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
"މާލެއަށް ގެނައިއިރުވެސް ހޭނާރާ. އެކަމަކު މިހާރު ހޭއަރައިފި. ބެންޑޭޖްތައް ނައްޓައި މިހާރު އަނެއްކާވެސް ޓެސްޓުކުރަން ގެންދަން އެއުޅެނީ. ޑޮކްޓަރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރޭ. އެކަމަކު އައިސީޔޫގަ އޮތީ،"
އެހާދިސާ ހިނގާފައިވަނީ ރޭ 10 ޖަހަން އުޅެނިކޮށްކަމަށް އެ މެމްބަރު ވިދާޅުވިއެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އެއް ގޮތަކަށްވެސް ބުނާކަށް ނޭނގެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ މާރާމާރީއަކީ ކުދިންގެ މެދުގައި އަންހެން ކުއްޖަކާއި ހެދި ޖެހުނު މައްސަލައެއްގައި ހިނގައިދިޔަ ކަމެއް ކަމަށް ރަށު ތެރޭ ވަނީ އަޑުފެތުރިފައެވެ.
ކައުންސިލް މެމްބަރު ވިދާޅުވި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި އަދި ފުލުހުން އެސަރަހައްދަށް ގޮސް ފޮރެންސިކް މައުލުމާތުވެސް އެއްކުރިކަމަށެވެ. އަދި އެހެންނަމަވެސް ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް މައްސަލައާ ގުޅިގެން ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.