ކޮމަންޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަމުގައި ހުރި ދަތިތަކަށް އޮތް ހަގީގީ ހައްލަކީ ކޮމަންޑުއާ ޖެހިގެން އޮތް މަތިކޮމަންޑޫ އެރަށާއި ގުޅުވާލުންކަމަށާއި އަދި އެއީ ކެމްޕޭނާ ގުޅިގެން ކުރާކަމެއް ކަމަށް ބަޔަކު ބުންޏަސް އެވާހަކަތަކަށް ފަރުވާލެއް ނެތި އަންނަ ހަފްތާ ތެރޭ އެމަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރޭ ކޮމަންޑޫގައި އޮތް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ކެމްޕޭން އިފްތިތާހުކޮށްދެއްވުމަށް އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮމަންޑުއަކީ ބިން ކުޑަ ނަމަވެސް އާބާދީ ބޮޑު ރަށެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބި އެތައް އަހަރުތަކެއްވެފައިވާކަންވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެމައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް އެކި ރޭވުން ހުރިނަމަވެސް އެންމެ ރަނގަޅު އަދި އެދެވޭ ހައްލަކީ ކޮމަންޑުއާ މަތިކޮމަންޑޫ ހިއްކައިގެން އެއްފަސްކުރުވުންކަމަށް ރައީސް ވިދާޅުވިއެވެ.
މިރަށުގަ ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އޮތް ހައްލަކީ ހަމަ މި މަތިކޮމަންޑުއާ މި ކޮމަންޑޫ ގުޅުވާލުން. މިއީ އަޅުގަނޑުމެން ވީ ވައުދެއް. އިރާދަކުރެއްވިއްޔާ މިކަން ލަސްތަކެއް ނުވެ ފެށިގެންދާނެ،"
ރައިސް ވިދާޅުވީ އެ މަސައްކަތް ފަށާ ވާހަކައާއެކު ކެމްޕޭނާ ދިމާކޮށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އެ މަސައްކަތް ސިފަ ކުރާނޭކަމަށެވެ. ނަމަވެސް އެއީ ކޮމަންޑޫ ރައްޔިތުންނަށް އެމްޑީޕީގެ މި ސަރުކާރުން ވީ ވައުދެއްކަމަށާއި އަދި އެކަން އެއި ކޮންމެހެންވެސް ކޮށްދޭން ޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތާ ކެމްޕޭނަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ބަޔަކު އެހެން ބުނިނަމަވެސް އެކަމަށް ފަރުވާލެއް ނެތި އެމަސައްކަތް ކޮށް ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ އަޅުގަނޑުމެން ވީ ވައުދެއް. މިރަށުގެ ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދޭން ޖެހޭ ކަމެއް. މިއަކާ ކެމްޕޭނަކާ ގުޅުމެއް ނެތް. މިއީ ހަމަ ފުލް ސްޕީޑުގަ އަވަހަށް ކޮށް ނިންމާލަން ޖެހޭ ކަމެއް. އިރާދަކުރެއްވީއްޔާ ޕްލޭން ހަދާ ނިމިފަ އޮތީ. ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިތަނުން އެމަންޒަރު ތިބޭފުޅުންނަށް ފެނިގެންދާނެ،"
ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެރަށުގައި ހައުސިން ޔުނިޓް އެޅުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު ރަށުގައި ހިއްކާފައި އޮތް ސަރަހައްދުން ގޯތި ދޫކުރުންވެސް އެއީ ކުރެވޭނެކަމެއްކަމަށާއި ނަމަވެސް ލާމަރުކަޒީ ތަސައްވުރުގެ ދަށުން އެ ނިންމުމަކީ ކައުންސިލްގެ ނިންމުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މިރަށަކީ ރަށްކުޑަ އާބާދީ ބޮޑު ރަށެއް. ރަށުގަ ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ނުލިބި އެތައް ދުވަހެއް ވެއްޖެ. މިރަށުގައި ހިއްކާފަ އެބަ އޮތް ކުޑަ ބިންކޮޅެއް. އޭގެން ގޯތި ދޫކުރެވޭނެ. އެއީ ގާނޫނީ ގޮތުން މިހާރު ކައުންސިލްގެ އަތް މަތީގައި އޮތް ކަމެއް،"
އޭގެ އިތުރުންވެސް ކޮމަންޑުއަށް ސަރުކާރުން ކޮށްދޭން ނިންމާފައި ހުރި ކަންތައްތަކުގެ ދިގު ލިސްޓެއް ރައީސް ސޯލިހު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ. އެގޮތުން އެރަށުގައި މަސްވެރިންނަށް އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން އެރަށުގެ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދި ރަށުގެ ވަށައިތޮށި ލުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ކޮމަންޑޫ ކައިރިން އޮންނަ ރަށްތައް ފަތުރުވެރިކަމަށް ހުޅުވާލަން ވެސް ސަރުކާރުން މިހާރު ލިސްޓުކޮށްފައިވާކަމަށެވެ.
އެކަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ދެން ހިމެނޭ ފޯކައިދޫއަކީ މިދިޔަ ސަރުކާރުތަކުގައި ރާއްޖޭގެ ޗާޓުގައިވެސް ފެންނަން ނެތް ރަށެއްކަމަށެވެ. އަދި އެހެން ސަރުކާރުތަކުން އެވަރަށް އެރަށަށް އިހުމާލުވެފައިވާއިރު، އެމްޑީޕީގެ ދެ ސަރުކާރުގައި އެރަށުގައި ހުރި މައްސަލަތައް ހޯދައިގެން ހައްލުކުރަމުން އަންނަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެރަށުގެ ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ މަސައްކަތް، އިންޖީނުގެ އެޅުމާއި، ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ މަސައްކަތްވެސް ފެށިގެން ކުރިޔަށް ގޮސް އެތަނުން ބައެއް މަސައްކަތް މިހާރު ނިމިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ފޯކައިދޫ ރައްޔިތުންގެ އެންމެ ބޮޑު އެދުމެއްކަމަށް ރައީސް ވިދާޅުވީ އެރަށުގައި އޮންނަ ޗަކަބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުން ކަމަށެވެ. އެމަސައްކަތްވެސް ރައްޔިތުންގެ އެދުމާއި އެއްގޮތަށް ސަރުކާރުން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދާއިރާގައި ދެން ހިމެނޭ މަރޮށި މަތިން ހަދާންނައްތާނުލައްވާކަމަށް ރައީސް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ. އަދި އެރަށުގައިވެސް ބަނދަރު ހެދުމާއި ސިއްހީ މަރުކަޒް ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ދާއިރާގެ ތިން ރަށުގައިވެސް ހިންގާ މަޝްރޫތަކަކީ ކެމްޕޭނާ ގުޅުވައިގެން ކުރާ ކަމެކޭ ބުންޏަސް އެކަމަށް ފަރުވާލެއް ނެތި މި ސަރުކާރުން އެކަންކަން ކުރާނޭކަމަށް ރައީސް ރޭ ވިދާޅުވިއެވެ.