ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އެމްޑީޕީން ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ/މުންޝިދު

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ތަރައްގީއަށް، އިދިކޮޅު ޕާޓީތަކުގެ ސިޔާސަތެއް ނެތްކަން ވަރަށް ސާފުކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްވި އޯޑިއޯ މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއާ ވާދަވެރި ޕާޓީތަކުން ވައުދުވަމުން އަންނަނީ، ރާއްޖެތެރެ އުވާލާ ހުރިހާ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރަންކަމަށެވެ.

އެހެންކަމުން ރަށްރަށުގެ ތަރައްގީއަށް އެޕާޓީތަކުގެ ސިޔާސަތެއް އެކުލަވާލާނެ ގޮތެއްވެސް ނެތްކަން ހުރިހާ އެންމެނަށް ވަރަށް ސާފުވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދަށް އެންމެން ޖަމާކުރަން ވިސްނާ ބަޔަކު ރަށްތައް ތަރައްގީކުރަން ނުވިސްނާނެކަން ކަށަވަރުކަމަށް ނަޝީދު ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްގީއަށް އެމީހުން ސިޔާސަތެއް އެކުލަވާލާނެ ގޮތެއްވެސް ނެތްކަން އަޅުގަނޑުމެން އެންމެނަށް ވަރަށް ސާފު. މާލެ ސަރަހައްދަށް އެންމެން ޖަމާކުރުމަށް ވިސްނާ ބަޔަކު ރަށްރައް ތަރައްގީކުރުމަށް ހަމަ ކަށަވަރުންވެސް ނުވިސްނާނެ،"

މަޖިލީހުގައި އެމްޑީޕީގެ ގޮނޑި މަދެއް ނޫންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، މިއަދު އެޕާޓީން އެދެނީ ހަމަ އެކަނި ގޮނޑިއެއް ހޯދާކަށް ނޫންކަމަށެވެ. އަދި އެޕާޓީން އެދެނީ ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ރާއްޖެއަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައި ރައްޔިތުންނަށް ދައްކައިދޭންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވަނީ ކޮމަންޑޫގައި ދިމާވާ ގެދޮރުގެ ދަތިކަމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮމަންޑޫގައި ތޮއްޖެހުމާއި، ބޯހިޔާވަހިކަމެއް ނެތްކަން އެއީ އެންމެންނަށްވެސް އެނގޭކަމެއްކަމަށެވެ. މަތިކޮމަންޑުއާއި ކޮމަންޑޫ ދޭތެރޭ ބްރިޖެއް އެޅުމަކީ 2010 ވަނަ އަހަރުން ފެށިގެންވެސް އެމްޑީޕީގެ ހުރިހާ މެނިފެސްޓޯއެއްގައި ލިޔަމުން އަންނަ ވާހަކައެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުން، ކޮމަންޑޫގައި ތޮއްޖެހުން، ކޮމަންޑޫގައި ބޯހިޔާވަހިކަމެއް ނެތުން، އެއީ އެނގިތިބިކަމެއް. މަތިކޮމަންޑުއާއި ކޮމަންޑޫއާއި ދޭތެރޭ ބްރިޖެއް އެޅުން އެއީ 2010 ވަނަ އަހަރުއްސުރެން އެމްޑީޕީގެ ހުރިހާ މެނިފެސްޓޯއެއްގައި ކަޅާއި ހުދުން އަޅުގަނޑުމެން ލިޔަމުން އަންނަ ވާހަކައެއް. އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެކަމެއް،"

ނަޝީދު ވިދާޅުވީ ކޮމަންޑުއަކީ ރައްޔިތުން އާބާދުވެ ތަރައްގީވަމުން އަންނަ ރަށެއްކަމަށެވެ. އެއީ ގަދީމީ ރައްވެހިކަމެއް ތަރައްގީވެ ފައްކާވެފައިވާ ރަށެއްކަމަށާއި ޒަމާނުއްސުރެ ފަށައިގެންވެސް އިގްތިސޯދެއް ހޯދައި ތަނަވަސްކަން އަށަގަންނަމުން އަންނަ ރަށެއްގެ ގޮތުގައި އެމަނިކުފާނު ކޮމަންޑޫ ސިފަކުރެއްވިއެވެ. އޭގެ އިތުރުންވެސް ކޮމަންޑުއަށް މިއަދު ލިބިފައިވާ ތަނަވަސްކަމަކީ ކޮމަންޑޫގެ ރައްޔިތުންގެ ގަދަފަދަ މަސައްކަތުގެ ނަތީޖާއެއްކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީން އަނެއްކާވެސް ކޮމަންޑުއަށް އައިސްފައި މިތިބީ ކޮމަންޑޫ އަދި ފޯކައިދޫގެ އިތުރުން މަރޮށީ ރައްޔިތުންގެ ގާތުގައި ސާބިތުކަންމަތީ ތިއްބަވާށޭ، އަމާޒު ގެއްލުވާނުލާށޭ ބުނަން. ހުރިހާ ބޭފުޅުންގެ ވޯޓް އެމްޑީޕީއަށް ދެއްވާށޭ. މިއީ ދިގު މަސައްކަތަކޭ. މާދަން ހައްލުވާން އޮތް ކަމެއް ނޫން، ވަގުތީ ފައިދާއަކަށް ކުރެވެން އޮތްކަމެއް ނޫން. މަސައްކަތް މި ކުރަނީ އަޅުގަނޑުމެންގެ ދަރިންނަށް ކޮމަންޑޫއަކީ ރައްވެހިކަމުގެ ލާމަސީލު ރަށެއްކަމެއް ދައްކަން،"

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެހެން ޕާޓީތަކަށް މިސާލެއްގެ ގޮތުގައި އޮތް ޕާޓީއެއްކަމަށާއި އެޕާޓީން ކަންކުރާ ގޮތަށް އެހެން ޕާޓީތަކުން ދަނީ ކަންކުރަމުންކަމަށެވެ. އަދި ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓުލާއިރު ރާއްޖޭގައި މިހާރު ހުރި ޕާޓީތަކުގެ ފަހަތް ބަލަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *