ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮމަންޑުއަށް ވަޑައިގެންފިއެވެ.
ރައީސް ސޯލިހް ކޮމަންޑުއަސް ވަޑައިގެންފައި ވަނީ މިއަދު ހަވީރު 5 ޖަހަން އުޅެނިކޮށެވެ. ކޮމަންޑުއިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެރަށުގެ ކުޑަބޮޑު ގިނަ ރައްޔިތުން ބަނދަރުމައްޗަށް އެއްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ސޯލިހް ކޮމަންޑުއަށް ވަޑައިގެން މިރޭ 08:30 ގައި ބާއްވާ ޖަލްސާގައި ރާޝިދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެއެވެ. ރާޝިދުގެ ކެމްޕޭނަށް ރައީސް ސޯލިހު ވަޑައިގަންނަވާނީ ޕާޓީގެ އިސް ލީޑަރުގެ ހައިިސިއްޔަތުންނެވެ. މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކޮމަންޑޫ ދާރިއާގެ ބައި-އިލެކްޝަންގެ ކެމްޕޭނަށް ރައީސް ސޯލިހް އެރަށަސް ވަޑައިގެން -- ފޮޓޯ: ޝުރުފާ / ޖަޒީރާ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.
އޭނާ އަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. ރާޝިދަކީ ރައީސް ސޯލިހު ނިސްބަތްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދުވަސްވީ މެމްބަރެއްވެސްމެއެވެ. ރާޝިދަށް އެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ލިބުނީ އޭނާއާއެކު އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އިތުރު މީހަކު ކުރިމަތިނުލުމުންނެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.