އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި، 35 ގަޑިއިރުގެ "ރަން ފޮރ ޗެރިޓީ: ދުވާހިތުން" ދުވުމުގެ ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްވަނީ

އޭޑީކޭ ހޮސްޕިޓަލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޒަމާނީ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުރީފް ކުރައްވައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި، 35 ގަޑިއިރުގެ "ރަން ފޮރ ޗެރިޓީ: ދުވާހިތުން" ދުވުމުގެ ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ ބަޔަކު ދެމުން އަންނަ ޞިއްޙީ ޚިދުމަތަކަށް، ކާމިޔާބު 35 އަހަރު ފުރިގެން ދިޔުމަކީ، އެހާ އާދައިގެ ކަމެއް ކަމުގައި ދެކިވަޑައިނުގަންނަވާކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުން  އަދާކޮށްދެމުން އަންނަނީ، ޤައުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަ ކްލިނިކެއް، 1987 ވަނަ އަހަރު މާލޭގައި ހުޅުވި. އެތަނަށް 35 އަހަރުވެގެންދާއިރު، ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަށްވާނެކަމަށް، މާގިނަ ބަޔަކު އޭރަކު އަޅުގަނޑު ހިތުން ގަބޫލެއްނުކުރާނެ. މިއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށްގިނަ ބައެއްގެ ބުރަ، ބޮޑު މަސައްކަތެއް. އަދި ވަރަށް ވިސްނުންތެރިކަމާއެކު، ނާޝިދުމެން ކުރި މަސައްކަތުގެ ނަތީޖާ.

ރައީސް ވިދާޅުވީ، 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީވުމަކީ، ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައެވެ.  ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، އޭޑީކޭ އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއިން ކޮންމެ ކާމިޔާބަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއްކަމުގައި ވިދާޅުވިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލަށް އަޅުގަނޑަށް ވަރަށް ގިނައިން ދެވޭ. އެތަނަށް ދެވޭ ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް ފެންނަނީ ކޮންމެވެސް ބޮޑު މަސައްކަތެއް އެތާ ހިނގާ ތަން. އުސް ޢިމާރާތްތަކެއް އަޅަން ފަށްޓަފާނެ. ކޮންމެވެސް ތަނެއް ތަޅާލާފައި އެހެން ގޮތަކަށް ބަދަލުކުރާ ތަން ފެނިދާނެ. ނާޝިދު އަބަދުވެސް އެ ވާނުވާބަލަން އެތަނުގައި އުޅުއްވާތަން އަޅުގަނޑަށް ފެނޭ.

ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފްވުމުގައިވެސް އޭޑީކޭ ވަނީ ވަރަށް ފަޚުރުވެރި މަޤާމެއް ޙާސިލްކޮށްފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެމްއާރްއައިގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭޑީކޭއިން ކަމަށެވެ. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި އެހޮސްޕިޓަލުންކަމަށާއި، ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީވެސް އޭޑީކޭގައިކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ރައީސް ވިދާޅުވީ،  ސިއްހީ ޚިދުމަތުގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އީޖާދީ ފިކުރުތައް، އޭޑީކޭގައި ތައާރުފްކުރުމަށް ހޮސްޕިޓަލުގެ ވެރިން ބޭނުންފުޅުވާ މިންވަރުވެސް ހާމަވާކަމަށެވެ. އެގޮތުްނ އެތަނުގެ ވެރިން އަބަދުވެސް އުޅުއްވަނީ  އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޮސްޕިޓަލަށް ގެނައުމުގައި އަވަދިނެތިކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ވެއްޖިއްޔާ، މިހާރު ތައްޔާރުވަމުންދަނީ ވަރަށް އަވަހަށް އިތުރު ޚިދުމަތްތައް ފެށުމަށް. މި ހޮސްޕިޓަލުން ތައްޔާރުވަމުންދަނީ، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރުފް ކުރަން. މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް. އަދި އޭގެއިތުރުން، އެންމެފަހުގެ އެމް.އާރް.އައި.ގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި.

މި ނޫނަސް އޭ.ޑީކޭއިން އާންމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ވަރަށް ގިނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ދިމާވި ޤުދުރަތީ ކޮންމެ ކާރިސާއެއްގައި، އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް، އޭޑީކޭ އެންމެ ކުރީ ސަފަށް ނުކުންނަކަން ފާހަގަކުރައްވާ ރައީސްވަނީ އެ ހޮސްޕިޓަލުގެ ވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިދިޔަ 35 އަހަރުގެ ތެރޭގައި، އޭޑީކޭގެ ސަބަބުން ރައްޔިތުންގެ އާންމު ޞިއްހަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ޞިއްޙީ ދުޅަހެޔޮކަމާ އެކަށޭނަ ގޮތަކަށް، ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިތައް ބަދަލުކުރުމަށް، އެހޮސްޕިޓަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ގަބޫލުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *