އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ކުރިޔަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ފުލުހުން ހައްޔަރުކުރީ ގާނޫނާ ހިލާފަށްކަމަށް ބުނެ އެދެބޭފުޅުންވެސް ދޫކޮށްލުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
އިދިކޮޅު ޕާޓީތަކުގެ އަގުލަބިއްޔަތު އޮންނަ މާލެ ސިޓީ ކައުންސިލުން އެދެބޭފުޅުން ހައްޔަރުކުރުމާއި ގުޅިގެން ބުނީ ފުލުހުންގެ އެ އަމަލު ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެކު ހިޔާލު ފާޅުކުރަމުން ދަނިކޮށްކަމަށް ކައުންސިލުން ބުނެއެވެ.
މިއަދު އޮތް "އިންޑިއާ އައުޓް" ހަރަލާތުގެ ތެރެއިން ނަރީޝް އަދި އައިފާން ހިމެނޭހެން ހަތް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް އިދިކޮޅުން ހިންގާ އެ ހަރަކާތުގެ ތެރެއިން އެމީހުން ހައްޔަރުކުރީ ކޮންކަމަކާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ޑިސެމްބަރު މަސް ތެރޭ ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑީއާ އައުޓް" ހަރަކާތް ވަރަށް ބޮޑަށް ފުޅާވެފައިވާތަން ދަނީ ފެންނަމުންނެވެ. އެގޮތުން އިއްޔެވެސް އެ ހަރަކާތުގެ މުޒާހަރާއެއް ވަނީ ބާއްވާފައެވެ. އަދި މާދަމާވެސް މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅުން ދަނީ ރާވަމުންނެވެ. އަދި މީގެ ކުރިން އައްޑު ސިޓީއާއި ހުޅުމާލޭގައިވެސް އެފަދަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮއްސައެވެ.