ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެ ކޭސްތައް އިތުރުވާން ފަށާފައިވާތީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ކުރިޔަށްވުރެ ވަރުގަދަޔަށް ތަންފީޒުކުރަން ފުލުހުން ފަށައިފިއެވެ.

'ޖަޒީރާ' އަށް އެނގިފައިވާގޮތުގައި މިއަދު އެ ފިޔަވަޅު ތަންފީޒުކުރަން އަންގައި ރައީސް އޮފީހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އެއާއެކު ފުލުހުން ވަނީ އެ ނިންމުން ތަންފީޒުކުރަން މިއަދު ފަށާފައެވެ. އެޗްޕީއޭއިން އެ ނިންމުމާ ގުޅިގެން ބުނީ މާސްކު އެޅުން އެއީ އުވާނުލާ އޮތް ފިޔަވަޅެއްކަމަށެވެ. އަދި ތަންފީޒުކުރުމާއި ގުޅުން ހުރި ކަންކަން ފުލުހުންގެ ފަރާތުން މިހާރަށްވުރެ ވަރުގަދަޔަށް ކުރާނެކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރާއްޖޭގައި ކޮވިޑްގެ އަދަދުތައް މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކުރެވިފައި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެކަމަށާއި އެކަކު އަނެކަކުގެ ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅޭއިރު މާސްކު އަޅަން އިލްތިމާސްކޮށްފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވެފައިވާތީ މާސްކު އެޅުން ފަދަ ބައެއް ފިޔަވަޅުތައް އެންމެ އެދެވޭ ގޮތެއްގައި ތަންފީޒުކޮށްފައެއް ނުވެއެވެ. ނަމަވެސް އަނެއްކާވެސް ހާލަތު ގޯސްވެދާނެކަމުގެ ނިޝާންތައް ފެންނަން ފެށުމާއެކު އެ ފިޔަވަޅުތައް އަލުން މިވަނީ ވަރުގަދަޔަށް ތަންފީޒުކުރަން ފަށާފައެވެ.

ކޮވިޑުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 2،000 އަށްވުރެ ގިނަ އެކްޓިވް ކޭސް އެބަ ހުއްޓެވެ. އަދި އިއްޔެ އެކަނިވެސް 200 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ރާއްޖޭގައި ކޮވިޑުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައިވާއިރު، ކޮވިޑުގެ އާ ވޭރިއެންޓެއްކަމުގައިވާ އޮމިކްރޯންގެ ނުރައްކާ މިހާރު ވަނީ ރާއްޖެއަށްވެސް ކުރަން ފަށާފައެވެ. އެ ވޭރިއެންޓަކީ އެހެން ބާވަތްތަކަށްވުރެ ހަލުވިކޮށް ފެތުރޭ ވޭރިއެންޓެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *