ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކުރަން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނިންމައި އެމަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ޓެންޑާކޮށްފިއެވެ.

އެ މަޝްރޫއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށްޓަކައި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ.

އެ މަޝްރޫގެ ދަށުން ދިއްދޫ ޖޫނިއާ ކޮލެޖް އިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް ނިންމައި ކޮންސްޓްރަކްޝަން މަސައްކަތުގެ ތަފްސީލުގެ ޓެންޑާއަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ މިހާރު އިއުލާން ކޮށްފައެވެ.

ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ޖާގައެއްގައި އިމާރާތްކުރާ އެ ކޮލެޖް ހާއްސަވާނީ ފުޑް ޕްރޮސެސިން އަދި ފިޝަރީޒް ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް އެތަނުގައި ހިންގާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ދެ ބުރިއަށް ފަރުމާކޮށްފައިވާ އެ އިމާރާތް އެއްކޮށް ނިމޭއިރު އެތަނުގައި ކިޔަވައިދޭން ބޭނުންކުރާ ބްލޮކެއްގެ އިތުރުން ކިޔަވާ ކުދިންނާއި ލެކްޗަރާއިން ދިރިއުޅެން ބްލޮކެއްވެސް ހުންނާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެ ކޮލެޖުގައި ފުޑް ޕްރޮސެސިން ލެބަކާއި، ފުޑް ޓެސްޓިން ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސްރޫމާއި އައިސީޓީ ލެބޯޓަރީއެއްވެސް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކުގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ.

އޭގެ އިތުރުންވެސް އެ އިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ ސެންޓަރަކާއެކު ޖިމެއް ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ލިފްޓްވެސް ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ޕްރޮޖެކްޓާ ގުޅުންހުރި ކުރެހުންތަކާއި ތަފްސީލީ ލިޔުންތަކުގެ ސޮފްޓްކޮޕީ އަންނަ ހޯމަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މި މަސައްކަތުގެ ޓެންޑަރުގެ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު 10:00 ގައި އެމިނިސްޓްރީގެ ޓެންޑާ ޖަލްސާކުރާ މާލަމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *