މިއަދު ކުރިޔަށްދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ކުރިޔަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހިމެނޭހެން ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް އިދިކޮޅުން ހިންގާ އެ ހަރަކާތުގެ ތެރެއިން މިއަދު ކުރިޔަށްގެންދިޔަ މުޒާހަރާގައި ނަރީޝްގެ އިތުރުން ދެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެހެން ބައެއް މެމްބަރުންކަމަށް އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ކޮންކަމަކާ ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ލައިގެން ނުތިބިވޭނެކަމަށާއި، "އިންޑިއާ އައުޓް" ޓީޝާޓާއި ބެނާތަކުގައި ދިވެހިން ލިޔުމަށް ފުލުހުން އަންގާފައިވާކަމަށް ޕީޕީއެމްއިން ބުނެއެވެ. އެ ހަރަކާތުގައި "އިންޑިއާ އައުޓް" ޓީޝާޓުތަކުގައި ލިޔެފައި ހުންނަނީ އިނގިރޭސި ބަހުންނެވެ.

އިދިކޮޅު ކޯލިޝަނުން އިންޑިއާ އައުޓް ހަރަކާތް މެދުކެނޑުމެއް ނެތި ކުރިޔަށްގެންދާއިރު އިއްޔެ ކުރިޔަށްގެންދިޔަ މުޒާހަރާއިންވެސް 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމަށް ބުނެއެވެ. ރޭގެ ވަގުތެއްގައި އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.

އިއްޔެގެ މުޒާހަރާ ރޫޅާލުމުގައި، މުޒާހަރާގައި ބައިވެރިވި ބައެއް އަންހެނުންގެ ގައިގައި އަތްލައި، ކުޑަކުއްޖެއް ހައްޔަރުކުރިކަމަށް ބުނެ ފުލުހުން އަމަލުކުރި ގޮތަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *