ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ނިސްބަތްވާ މުދާ އުފުލާ ކާގޯ ބޯޓެއް ހައިޖެކްކުރި ހާދިސާ ދިވެހި ސަރުކާރުން ކުއްވެރިކޮށްފިއެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައިގައި އެގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިން އެ ބޯޓު ހައިޖެކްކުރީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ބޯޓު ހައިޖެކްކުރީ ޔަމަނުގެ ރަށެއްކަމުގައިވާ ހުދެއިދާގެ އައްސޭރިފަށާއި ކައިރިން ކަނޑުމަތިންނެވެ.
ހޫތީ ހަނގުރާމަވެރިންގެ އެ އަމަލު ކުއްވެރިކުރަމުން ދިވެހި ސަރުކާރުން ބުނީ އެފަދަ އަމަލުތަކަކީ ކަނޑުފޭރުމުގެ އަމަލެއްކަމަށާއި އަދި އެއީ ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ ހައްގަށް އޮތް ބޮޑު ނުރައްކަލެއްކަމުގައެވެ. އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއިވެސް ހިލާފްކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން އެއަމަލު ސިފަކުރިއެވެ.
އެފަދަ އަމަލުތަކަކީ ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެނައުމަށް އެކަމުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރި ހުރަހެއްކަމަށްވެސް ދިވެހި ސަރުކާރުން ސިފަކުރިއެވެ.
އަދި ހޫތީ ހަނގުރާމަވެރިންގެ އެ އަމަލަކީ ދިވެހި ސަރުކާރުން އެއްވެސް ވަރަކަށް ބަލައިގަންނަ އަމަލެއް ނޫންކަމަށާއި ހުރިހާ ފަރާތްތަކުންވެސް ކަނޑުމަތީގެ ރައްކާތެރިކަމާއި ސަލާމަތަށް ޒިންމާދާރުވެރިކަމާއެކު ކަމޭހިތުމަށް ސަރުކާރުން ގޮވާލިއެވެ. އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށްވެސް ދިވެހި ސަރުކާރުން ގޮވާލިއެވެ.
ސަރުކާރުން ކުއްވެރިކުރި އެ ހާދިސާގައި ހޫތީން ހައިޖެކްކޮށްފައިވަނީ ޔަމަނުގެ ސޮކޮޓްރާ ނަމަކަށް ކިޔާ ރަށެއްގައި ހުރި ހޮސްޕިޓަލަކަށް ބޭނުންވާ ސިއްހީ ސާމާނު ހިފައިގެން ދަތުރުކުރި ބޯޓެކެވެ. ބޯޓު ހައިޖެކްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައެވެ.
ހޫތީން އެބޯޓު ހައިޖެކްކުރުމަށްފަހު ބުނީ އެބޯޓަކީ ހަނގުރާމަވެރި މުދާ އުފުލާ ބޯޓެއްކަމަށެވެ. އެބޯޓު ހައިޖެކްކުރީ ކަނޑުދަތުރުކުރުމުގައި ދުނިޔޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދުގައެވެ.
ހޫތީ ހަނގުރާމަވެރިންނަކީ ކޮން ބައެއް؟
ހޫތީންނަކީ 2014 ވަނަ އަހަރު ޔަމަނުގައި ފެށުނު ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ހަނގުރާމަވެރި މައި ޖަމާއަތެކެވެ. އެ ޖަމާއަތަށް ކުރުކޮށް ހޫތީ ހަނގުރާމަވެރިންގެ ނަމުން ކީނަމަވެސް، އެޖަމާއަތުގެ ނަމަކީ އަންސަރު ﷲ ނުވަތަ މާތްﷲ ގެ ސަޕޯޓަރުންނެވެ. ހޫތީ ހަނގުރާމަވެރިންނަކީ ގިނައިން ޔަމަނުގެ ޝީއީ އާބާދީއަށް ނިސްބަތްވާކަމަށް ބެލެވޭ ހަނގުރާމަވެރިންނެވެ.
ޔަމަނުގެ އަސްކަރިއްޔާއާ ދެކޮޅަށް މަސައްކަތްކުރާ ހޫތީންގެ އަތްދަށުގައި ޔަމަނުގެ ގިނަ ސަރަހައްދުތަކެއް ވެއެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފެއްދި ގައުމުތަކުގެ ކޯލިޝަނެއް ދަނީ ހޫތީންނާ ހަނގުރާމަކުރަމުންނެވެ.
އެތައް އަހަރެއް ވަންދެން ދިގުދެމިފައިވާ ޔަމަނުގެ ދާހިލީ ހަނގުރާމައިގައި އެގައުމުގެ އާބާދީގެ 80 ޕަސަންޓު މިހުން ވަނީ ހާލުގައި ޖެހިފައެވެ. އދ. އިން ބުނާގޮތުގައި ޔަމަނުގައި 13 މިލިއަނެއްހާ މީހުންނަށް ވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައެވެ. އޭގެ އިތުރުންވެސް އދ. އިން ވަނީ ޔަމަނުގެ ހާލަތަކީ ތާރީހީގޮތުން ބެލިނަމަވެސް ކަންބޮޑުވާހާ ގޯސް ހާލަތެއްކަމުގައި މީގެ ކުރިން ސިފަކޮށްފައެވެ.