ޕީސީއާރު ޓެސްޓްކުރާ މިންގަނޑުތަކާއި ހިލާފުވި ޓޫރިސްޓް އުޅަނދެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީގޮތުން ހިފަހައްޓައިފިއެވެ.
އެ މިނިސްތްރީން ބުނީ އެ އުޅަނދަށް އަލުން ހުއްދަ ދޫކުރާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ "ޕަބްލިކް ހެލްތް އިންޓަވެންޝަން ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންސްމިޝަން އިން ދަ ޓޫރިޒަމް ސެކްޓާ" ގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އެއްގޮތަށް އެ އުޅަނދުގެ ކަންކަން ހުރިތޯ ބަލައި ކަށަވަރުކުރުމަށްފަހުކަމަށެވެ.
މިންގަނޑުތަކާއި ހިލާފްވެގެން އެ އުޅަނދުން ކުރީ ކޮންކަމެއްކަމެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އުޅަނދުގެ ހުއްދަ ހިފެހެއްޓިކަން މިހާރު މޯލްޑިވްސް އިމިގްރޭޝަންއަށްވެސް އަންގައި، އެ އިދާރައިގެ ލިސްޓުންވެސް އެ އުޅަނދުގެ ނަން އުނިކޮށްފައިވާކަމަށެވެ.
މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުންވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.