ގއ. ކޮލަމާފުށީގެ މަގުތަކުގައި ގާތްގަނޑަކަށް ދޮޅު އަހަރު ތެރޭ ތާރުއަޅައި ނިންމަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިއަދު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގއ. އަތޮޅު އަދި ހުވަދު އަތޮޅުގެވެސް އެންމެ އުތުރަށް އޮންނަ ކޮލަމާފުށީގެ މަގުތަކުގައި ތާރުއެޅުމުގެ އެ މަޝްރޫއުގެ ދަށުން ޖުމްލަ 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ.
އަދި އޭގެ އިތުރުން އެރަށުގެ މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމް ކުރުމާއި މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްވެސް އާރުޑީސީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގާތްގަނޑަކަށް 1،600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޮލަމާފުށީގައި ހިންގާ އެ ބޮޑު މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 85 މިލިއަން ރުފިޔާއަށެވެ.
އެމަޝްރޫއު އާރްޑީސީއާ ހަވާލު ކުރީ 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަހްމަދު ތޮލްހަތެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.