މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކ. ގުޅީފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ޝުރެއިހް ހަސަން ހޯދުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިޔަށް ގެންދާ އޮޕަރޭޝަން ސާފެސް ސާޗަކަށް ނުވަތަ ކަނޑުމަތީގެ އޮޕަރޭޝަނަކަށް ބަދަލުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ސާފެސް ސާޗަކަށް އެ އޮޕަރޭޝަން ބަދަލުކުރީ އެ އޮޕަރޭޝަނަށް 72 ގަޑިއިރުވުމާއެކު އެފަދަ ހާދިސާތަކުގައި 72 ގަޑިއިރަކީ ހޯދާ މީހާ ނުފެނި "ސަވައިވެބިލިޓީ ރޭޓް" ނުވަތަ ސަލާމަތުން ފެނިދާނެކަމަށް ބެލެވޭ އެންމެ ދިގު މުއްދަތުކަމުގައިވާތީއެވެ. އެމްއެންޑީއެފުން ބުނީ އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރާ ގޮތްކަމަށެވެ. އަދި ސިފައިންގެ ސެކަންޑް ސްކަޑްރަންއިން އަދިވެސް ޝުރެއިހް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ސިފައިން އިތުރަށް ބުނީ އުމުރުން 21 އަހަރުގެ ޝުރެއިހް ހޯދުމުގެ މަސައްކަތް ކުރިޔަށް ދަނީ އަދިވެސް އޯޕަން ކޭސްއެއްގެ ގޮތުގައި ނުވަތަ ވަކި ގޮތަކަށް ނިމިފައިނުވާ ހާދިސާއެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އަދި އެ ހާދިސާއާ ގުޅުންހުރި އިތުރު އެއްވެސް މައުލޫމާތެއް އެހެން އެއްވެސް ފަރާތަކަށް ލިބިފައިވާނަމަވެސް އެމްއެންޑީއެފާ ހިއްސާކުރުމަށް ސިފައިން އެދެއެވެ.
އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށްވެސް އެހާދިސާއާ ގުޅުންހުރި އެއްވެސް ކަމެއްގެ ނިޝާނެއް ފެނިއްޖެ ހާލަތެއްގައި ސިފައިންނާ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން އެދެއެވެ. އެފަދަ މައުލޫމާތު ހިއްސާކުރުމަށް ސިފައިންގެ 191 ފޯނު ނަމްބަރަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި އެފަދަ ހާދިސާތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ސިފައިން އިހުލާސްތެރިކަމާއެކު ފާހަގަކުރިއެވެ.
ޝުރެއިހް އެންމެ ފަހުން ފެނިފައިވަނީ އޭނާ ގެއްލުނު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ގެއްލިގެން ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހު 08:58 ހާއިރުއެވެ. އޭނާ ގެއްލުނުއިރު ލައިގެންހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށް ސިފައިން ބުނެއެވެ. އަދި އޭނާ ހޯދުމަށް ގުޅީފަޅާއި ކައިރިން ކަނޑުގެ އަޑި ހިމެނޭހެން ބޮޑު ސަރަހައްދެއް ވަނީ ހޯދައިފައެވެ.
ޝުރެއިހު ހޯދުމަށް ސިފައިންގެ ޑައިވަރުން ވަނީ 55،000 މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލައި، 36،000 މީޓަރުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންވެސް ބަލައިފައެވެ. އެމްއެންޑީއެފުން މީގެ ކުރިން ދިން މައުލޫމާތުތަކަށް ބަލާއިރު، ޝުރެއިހް ގެއްލިފައިވަނީ ބޯވަ ނަގަން ގުޅީފަޅު ސަރަހައްދުގެ މޫދަށް ފައިބައިގެން އުޅެނިކޮށް އޮޔާ ވާދޫ ކަނޑުން ހުޅަނގަށް ދަމައިގަތުމުންނެވެ.
ޝުރެއިހް ގެއްލުނު ހާދިސާއަށް މާ ގިނަ ދުވަހެއް ނުވަނީސް، ވ. އަތޮޅު ކައިރިން ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިޔަށްދިޔަ ހާދިސާގައިވެސް ފުރަތަމަ ތިން މީހަކު ގެއްލިގެން ވަނީ ހޯދަން ފަށާފައެވެ. އޭގެތެރެއިން ފަހުން ދެ މީހަކު ފެނުނު ނަމަވެސް، އެދޯނިން ދަތުރުކުރި ދޯނީގެ ކައްޕިކަމުގައިވާ ކ. ގުރައިދުއަށް ނިސްބަތްވާ އާދަމް ޝަފީގް އަދިވެސް ފެނިފައެއް ނުވެއެވެ. ސަލާމަތްކުރި ދެ މީހުން ފެނުނީ ލަކްސް ސައުތު އަރި ރިސޯޓު ކައިރިން ކަނޑުމަތިން ރީނދޫ ހަންތަކެއްގައި އެލިގެން ތިއްބައެވެ.