އާންމު ގެތަކަށް ސޯލާ ޕެނަލް މެދުވެރިކޮށް ކަރަންޓު ދޭން ފެށުމަށް އަމާޒުހިފާ ޕްރޮގްރާމް "ހޯމް ސޯލާ ޕްރޮގްރާމް" ހިންގަން މިނިސްޓްރީ އޮފް އެންވަރަންމެންޓުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
އެ ޕްރޮގްރާމުގެ ދަށުން އާންމު ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް އެގެއަކަށް އެކަށީގެންވާ ކަރަންޓު އިރުގެ އަލިން އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން، އާންމު ފަރުދުންގެ ޖީބުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
އެގޮތުން 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި އެޕްރޮގްރާމުގެ ދަށުން ދެ ކިލޯވޮޓުގެ ސިސްޓަމެއް ގާއިމުކޮށްފިނަމަ، އެގެޔަކުން ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅާބަލާއިރު، 90 ޕަސަންޓަށްވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތްކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން ދޫކުރާ ހޯމް ސޯލާ ނިޒާމްތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތު މީހާގެ ޖީބަށް ލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރާނޭ ނިޒާމްތަކެކެވެ. އެހެންކަމުން މާލީ ބޮޑުތަކުލީފެއް ނެތި އެފަދަ ނިޒާމްތައް ފަރުދުންނަށް ބޭނުންކުރެވޭނެކަމަށް ފެނަކައިން ގަބޫލުކުރެއެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެ މުހިންމު ޕްރޮގްރާމަކީ 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓް ހަކަތަ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އަމާޒުހިފާ ޕްރޮގްރާމެކެވެ.
އަދި އެޕްރޮގްރާމަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނޭ ޕްރޮގްރާމެކެވެ.
ސަރުކާރުން އެ މަޝްރޫއު ހިންގުމަށް ފެނަކައާއި ހަވާލުކުރާ ފައިސާއިން ދެ ކިލޯވޮޓުގެ 1،000 ސޯލާ ސިސްޓަމް ގާއިމުކުރާނެ ކަމަށް ފެނަކައިން ބުނެއެވެ. އެ ކުންފުނިން ބުނީ އެއީ ރިވޯލްވިން ފަންޑެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށް ވާތީ، މި އަދަދު މުސްތަގްބަލުގައި ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުންވެސް ފެނަކައިން ބުނީ ދެ ކިލޯވޮޓުގެ 1،000 ސިސްޓަމް ގާއިމުކުރެވިއްޖެނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓުކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރުގެ ތެޔޮ މަދުކުރެވޭނެ ކަމަށެވެ. އެއީ މިހާރުގެ ޑީސަލްގެ އަގަށް ބަލާއިރު، އަހަރަކަށް 10 މިލިއަން ރުފިޔާއެވެ. ހަމައެއާއެކު ސަލާމަތްކުރާ ތެލުގެ ސަބަބުން އަހަރަކު ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ ތެރެއިން 2،500 ޓަނު ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.