މި ހިނގާ ޖެނުއަރީ މަސް ނިމުމުގެ ކުރިން ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ވިދާޅުވީ މި ޖެނުއަރީ މަސް ނިމުމުގެ ކުރިން ލޯނު ސްކީމެއް އިއުލާން ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރު އިއުލާން ކުރާ ލޯނު ސްކީމުގައި ކުރީގެ ސްކީމުތަކާ ޚިލާފަށް ހެޔޮ ބަދަލުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ލޯނު ސްކީމްތައް އިއުލާން ކުރާއިރު އެކި ދާއިރާތަކަށް ސްލޮޓްތައް ރިޒާވް ކުރާ ކަމަށާއި، އެގޮތުން މިއަހަރުގެ ސްކީމުގައި ވެސް ހާއްސަ ދާއިރާތަކަށް ސްލޮޓްތައް ރިޒާވްކޮށްފައި ހުންނާނެ ކަމަށެވެ.
ލޯނު ސްކީމާ ބެހޭގޮތުން ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ލޯނު ސްކީމު އިއުލާން ކުރުމުން، ކޯހަށް ކުރިމަލާ ދަރިވަރު އެއާ ބެހޭ މައުލޫމާތު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެޕްލިކޭޝަން ފޯމުގެ ބައިތައް ފުރަން ޖެހޭ ގޮތާއި ހިމަނަން ޖެހޭ މައުލޫމާތު ކޯހަށް ކުރިމަތިލާ ދަރިވަރަށް އެނގެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަތީ ތައުލީމު ހާސިލު ކުރުމަށް ކޮންމެ އަހަރަކު ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ލޯން ސްކީމް އިއުލާން ކުރެއެވެ. އެގޮތުން މި ސްކީމުގައި އެކި ދާއިރާތަކަށް ކަނޑައަޅާފައިވާ ސްލޮޓްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނަށް އެ މިނިސްޓްރީން ލޯނު ދޫކުރެއެވެ.