އިދިކޮޅުގެ އެއްވުމެއްގެ ތެރެއިން -- ފައިލް ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމުން އިންތިޒާމް ކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުން ހައްޔަރުކުރި 11 މީހުން ދޫކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އިއްޔެގެ އެއްވުމުން ހައްޔަރު ކުރި 11 މީހުން ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ހިމެނެނީ 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ޕީޕީއެމުން ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވަނީ އެ ޕާޓީގެ އޮފީސް ކުރިމަތީގައެވެ. އިދިކޮޅުގެ މި ހަރަކާތް މިހާރު ގެންދަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްތަކުގައި ވެސް ހިންގަމުންނެވެ. އެގޮތުން އިއްޔެ ހަވީރު ފ. ނިލަންދޫގައި ވެސް ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ހިނގާލުމެއް ބާއްވާފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ޕެޓިޝަނެއްގައި ވެސް ޕީޕީއެމްގެ މެންބަރުން ވަނީ ސޮއިކޮށްފައެވެ.

އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ބޮޑު ކެމްޕޭނެއް ކުރިޔަށްގެންދާއިރު، މި ކެމްޕޭނުގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

ޔާމީން ވަނީ އިންޑިއާއާ ދެމެދު އޮތީ ގާތް ރަހްމަތްތެރި ގުޅުމެއް ކަމަށް އަދި އެ ގައުމުގެ ރައްޔިތުންނާއެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގެ މަތިން އޮންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއިން ދައުވަތު ނުދެނީސް ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން ރާއްޖެއަށް އައިސް ގައުމުގެ އެކި ހިސާބުގައި ތިބުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިދިކޮޅުން އިންތިޒާމްކޮށްގެން ފުޅާދާއިރާއެއްގައި ހިނަގާ މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހަމައެއާއެކު މި ހަރަކާތް ހުއްޓުވުމަށް ސަރުކާރަށް ހުށަހެޅުމަށް ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *