ކޮވިޑް ފެތުރޭތީ ނައިޓްމާކެޓްފަދަ އިވެންޓްތައް ބާއްވަން ހުއްދަ ދިނުން ހުއްޓާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެއާއި ހުޅުމާލޭގައި ނައިޓްމާކެޓް ބޭއްވުމަށް އެ ކައުންސިލުން ހުއްދަ ނަގައިގެން ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓްމާކެޓް ބާއްވަމުން ގެންދާ ކަމަށެވެ. ނަމަވެސް މި ނައިޓްމާކެޓްތައް ހުއްޓާލުމަށް އެޗްޕީއޭއިން އެންގާފައިވާ ކަމަށެވެ.
އެހެންކަމުން ނައިޓްމާކެޓް ފަދަ އިންވެންޓްތަކަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ނައިޓްމާކެޓްތައް ބާއްވަން ހުއްދަ ދިނުން މެދުކަނޑާލަން އެޗްޕީއޭއިން އަންގާފައިވާއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. މައިޓޤމާކެޓް ބޭއްވުމާ ބެހޭގޮތުން މިދިޔަ ހަފްތާގައި ޖަޒީރާއިން ސުވާލު ކުރުމުން އެޗްޕީއޭއިން ބުނީ މީހުން އެއްވެގެން ބާއްވާ، ނައިޓް މާކެޓް ފަދަ ހަރަކާތްތައް މަނާކޮށްފައި ނުވާނެ ކަމަށާއި، އެފަދަ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސް ކުރީ ކަމަށެވެ.
އަދި މިއީ ހައިރިސްކް ހަރަކާތަކަށް ވާއިރު، މިކަމުގައި އެޗްޕީއޭއިން އަމަލު ކުރާނީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ. ހަމައެއާއެކު ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯންގެ ކޭސްތައް ރާއްޖެއިން ވެސް ފެންނަމުން ދިއުމާ ގުޅިގެން މާލޭގައި ފިޔަވަޅުތައް ވަރުގަދަ ކުރުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޮންމެ ހަފްތާއަކު ކޮވިޑްގެ ސިޓުއޭޝަން ރިވިއު ކުރަމުންދާއިރު، އޮމިކްރޯން ކޭސްތައް ފެނުމާގުޅިގެން ދަނީ ރިސްކް އެސެސްމަންޓެއް ހަދަމުންނެވެ.