މާލެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އިފާޒް / ޖަޒީރާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުުންގެ އަދަދު 26،800 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 396,882 މީހަކު ވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 367,865 މީހަކު ޖަހާފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 26،867 މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 60 މީހެކެވެ. އަދި 192 މީހަކު ދެވަނަ ޑޯޒް ޖަހާފައި ވާއިރު 419 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝީލްޑް/ އެސްޓްރަޒެނެކާ، ސިނޮފާރމް އަދި ފައިޒާ ހިމެނޭހެން ކޮވިޑް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ފުރިހަމަވެފައިވާ މީހުންނެވެ. މިވަގުތު ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލަފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އަދި ހައި ރިސްކް ބަލި ހުންނަ އެކަންޏެވެ.

ކޮވިޑްގެ އާ ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހަން މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއަށް މިފަހުން ގެނައި ފައިޒާ ވެކްސިނާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް އުޅޭތީ އެކަން އަދި ފެށިފައެއް ނުވެއެވެ. ސިރިންޖު ލިބުމުގެ ދަތިކަން އެހެން ބައެއް ގައުމުތަކަށްވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނީ ސިރިންޖު ލިބި، އެހެނިހެން ތައްޔާރީތައް ނިމުމުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *