ރައީސް ސޯލިހް ހޮޅުދޫ ރައްޔިތުންނަ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ހޮޅުދޫ މޭނާ ސްކޫލް އެއް ކެމްޕަހެއްގެ ދަށަށް ގެނައުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވާދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު މެންދުރުފަހު ބައްދަލު ކުރައްވައެވެ.

ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މޭނާ ސްކޫލް މިހާރު ދެ ކެމްޕަހެއްގެ ގޮތުގައި ހިންގަމުން ދާތީ ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް މޭނާ ސްކޫލްގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން މޭނާ ސްކޫލާ ގުޅޭ ގޮތުންނާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި ގުޅޭ ގޮތުންނާއި، ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލިއެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ކަމަށާއި އާބާދީއާ އެކަށޭނަ ޒަމާނީ މިސްކިތެއް ބޭނުންވާ ކަން ވެސް ހާމަކުރައްވާފައި ވެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ބޭފުޅުންނަށް މަސައްކަތްކުރުމަށް ވަކި ޚާއްސަ އިމާރާތެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ.

‎ރައީސް ސޯލިހް ވަނީ ރައްޔިތުންނާއި ކައުންސިލުން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ހޮޅުމީދޫ ތަރައްގީ ކުރުމުގައި ސަރުކާރާއި ރައްޔިތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްގެން ބޭނުންވާ ގޮތްތަކެއް ނިންމެވުމަށް ވިދާޅުވެފައެވެ.

‎ހޮޅުދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހޮޅުދޫ ރައްޔިތުން ވަނީ ތަރައްގީއާގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ. މިގޮތުން ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުޅިވަރު ތަރައްގީކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރިގޮތާއި ގުޅޭ ގޮތުން އެބޭފުޅުން ވަނީ ޝުއޫރު ފާޅުކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ހޮޅުދޫގެ ތަރައްގީއަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ މޭނާ ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ޓީމަކާއި ބައްދަލުކުރައްވާ ސްކޫލާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ސްކޫލްގެ މެނޭޖްމަންޓުން ވަނީ މޭނާ ސްކޫލް އަލުން އިމާރާތްކުރުމުގައި ކޮލިޓީ ހިފެހެއްޓޭނެ ގޮތެއް ކަށަވަރުކޮށްދެއްވުމަށް ދަންނަވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ނ. ހޮޅުދޫގައި ސަރުކާރުން އާބާތުރަ ފިލުވައި ތަރައްގީކޮށްފައިވާ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާ އެ ދަނޑުގައި ކުޅެވުނު ފުޓްބޯޅަ މެޗްގެ ބައެއް ބައްލަވާލައްވާފައެވެ. މި މެޗުގައި ބައްދަލުކޮށްފައި ވަނީ މާލޭ ވެޓެރަންސް ޓީމާއި ހޮޅުދޫ ފުޓްބޯޅަ ޓީމެވެ.

‎ރައީސް ސޯލިހް ހޮޅުދުއަށް މި ކުރައްވާ ދަތުރުފުޅުގައި ހޮޅުދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި ތަރައްގީ ކުރަމުންދާ އެކްސްޓެންޝަންގެ މަސައްކަތް ވަނީ ބައްލަވާލައްވާފައެވެ. އެމަނިކުފާނު ހޮޅުދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *