ރައީސް ޔާމީން (ކ) ކާނަލް ނާޒިމް (ވ)

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭނަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމްވެސް ކޮމަންޑުއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ޕީޕީއެމާއި އެމްއެންޕީގެ ރައީސުން ކޮމަންޑުއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވާއިރު، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް މާދަމާ ކޮމަންޑުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރާ އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސްގެ ކެމްޕޭނަށް ނާޒިމް ކޮމަންޑުއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާއެވެ. އެމްއެންޕީގެ ފަރާތުން މާދަމާ ހަންނާންގެ ކެމްޕޭނަށް ހާއްސަ އިވެންޓެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޕީޕީއެމްގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓު މޫސާ ފަތުހީގެ ކެމްޕޭނަށް ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ކޮން ދުވަހަކުކަމެއް އަދި ސާފެއް ނުވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

ރާޝިދު ނިސްބަތްވާ އެމްޑީޕީގެ އިތުރުން ދެން އެ ބައި އިލެކްޝަނުގައި ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ފަތުހީއާއި އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނެވެ. އެ ތިން ކެންޑިޑޭޓުންވެސް ހޮވުނީ އިތުރު މީހަކު ކުރިމަތިނުލާތީވެ ޕްރައިމަރީއަކާ ނުލައެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *