މާމެންދޫ ކައުންސިލަުން. ޖަޒީރާ ގްރެފިކްސް: އިބްރާހިމް އިފާޒް

"އަސްލު ހަގީގީ މައްސަލައަކީ އެބޭފުޅާގެ ފަރާތުން ޗެއިން އޮފް ކޮމާންޑް ގެއްލޭފަދަ ކަންކަމާއި ކުރިމަތިވުން. ދެން މިނިވަން ކައުންސިލެއްގެ އަގުލަބިއްޔަތުން އެބޭފުލާ މަގާމުން ދުރުކުރީ. އެކަމަކު މިހާރުވެސް އެބޭފުޅާގެ ވިސްނުމަށް އެއްވެސް ބަދަލެއް އައިހެނެއް ހިޔެއް ނުވޭ. ދެން އެކިކަހަލަ ބައިވަރު ބައިވަރު ސަބަބުތަކާހެދި އެބޭފުޅާ މަގާމުން ދުރުކުރަން ނިންމީ ކައުންސިލުން،"

ގއ. މާމެންދޫ ކައުންސިލް ރައީސް އަހުމަދު އަޒީޒް

އަޒީޒް އެ އިޝާރާތް ކުރައްވަނީ މާމެންދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މިސްބާހު މުޖުތަބާ މަގާމުން ދުރުކުރުމަށް ކައުންސިލްގެ ޖަލްސާއެއްގައި ނެގި ވޯޓަކުން ފާސްވި ސަބަބުތަކަށެވެ. އޭނާ ވިދާޅުވީ މިސްބާހު ނައިބު ރައީސްކަމުގައި ހުންނެވިއިރު އެތައް އެތައް ނޭދެވޭ އަމަލުތަކެއް ފެނިފައިވާކަމަށެވެ. މިސްބާހު މަގާމުން ވަކިކުރަން ނިންމީ ކައުންސިލް މެމްބަރުންގެ ނިންމުމަކުންނެވެ. ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރިނަމަވެސް މިސްބާހަކީ އަދިވެސް އެރަށުގެ ކައުންސިލް މެމްބަރެކެވެ. ނައިބު ރައީސްކަމުން ވަކި ކުރި އެނިންމުމުގައި އިޖުރާއަތްތައް ފުރިހަމަވާކަމަށް މިހާރު ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް ވަނީ ނިންމައިފައެވެ.

ނަމަވެސް އަޒީޒް ވިދާޅުވީ މިހާރުވެސް މިސްބާހުގެ ފަރާތުން އިތުރު ނޭދެވޭ އަމަލުތައް ފެންނަމުންދާކަމަށެވެ. އެގޮތުން ލޯކަލް ގަވަންމެންޓް އޮތޯރިޓީއާ ދެކޮޅަށް މިސްބާހު ކޯޓަށް މައްސަލައެއް ހުށަހަޅާނެކަމުގެ މައުލޫމާތުތަކެއް އަޒީޒަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ވަރަށް ހާމަކަމާއެކު ރަށުތެރޭގައި ބައެއް މީހުން ދައްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގައި އަލަށް ނިކުންނަށް އުޅޭ ގާޒީ. އެބޭފުޅާގެ ފިރިމީހާއަކީ މިސްބާހުގެ ވަރަށް ގާތް ބޭފުޅެއް. އެބޭފުޅާ އެބަ ވިދާޅުވޭ، ތިމަންނަ ނައިބު ރައީސްކަން އަލުން ހޯދައިދޭނަމޭ މިސްބާހުއަށް. ތިމަންނަގެ އަންހެނުންނަކީ މިރަށުގެ ގާޒީއޭ، ކޯޓަށް މައްސަލަ ހުށަހަޅައިގެން ހޯދައިދޭނަމޭވެސް. ވަރަށް ގަދަޔަށް އެބަ ބުނޭ އެހެން. އެކަހަލަ ބިރުދެއްކުމުގެ އަމަލުތައް އެބަހުރި. ދެން މިސްބާހުއަށް މިއަދުވެސް ނަސޭހަތް ދިނިން އަޅުގަނޑު އަމިއްލައަށް. އެކަމަކު އެބޭފުޅާގެ ވިސްނުމެއް ހިޔެއް ނުވޭ ބަދަލުވާހެނެއް،"

އަޒީޒް ވިދާޅުވީ މިސްބާހު މަގާމުން ވަކިކުރީ އޭނާގެ މައްޗަށް އެކަމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހުކަމަށެވެ. އެގޮތުން އަނގަބަހުން ނަސޭހަތް ދިނުމާއި ލިޔުމުންވެސް ނަސޭހަތްދީ އިސްލާހުކުރުމަށް 30 ދުވަހުގެ މުހުލަތެއްވެސް ދިންކަން އަޒީޒް ފާހަގަކުރެއްވިއެވެ. ނަމަވެސް މިސްބާހުގެ ފަރާތުން ފެނުނު މައްސަލަތަކަށް ބަދަލެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.

އަޒީޒް ވިދާޅުވީ މިސްބާހުގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތަކުގެ ތެރޭގައި ކައުންސިލްގެ މެމްބަރުންނަށާއި، އިދާރީ މުވައްޒަފުންނަށް ބައެއް ކަންކަމާ ވިދިގެން ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރު ދިނުމާއި، ސުލޫކީ މައްސަލަތަކާއި، ލާމަރުކަޒީ ވިސްނުމާއި ކައުންސިލްގެ ނިންމުންތަކާއި ސީދާ ދެކޮޅު ހަދައި ހިލާފްވުންފަދަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާއެއްގެ އެންގުމަށް ކައުންސިލުން ނިންމި ނިންމުމަކާ ދެކޮޅު ހަދައި އެކަމަށްވެސް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިސްބާހު ދިންކަމަށް އަޒީޒް ވިދާޅުވިއެވެ.

"އެގޮތުން ބޭނުންވާގޮތަށް ކަމެއް ނުވާނަމަ، އެބަ އިންޒާރުދޭ ފިޔަވަޅު އަޅާނެކަމުގެ. ދެން ކައުންސިލްގެ ފަރާތުން ނިންމާ ކަންކަމުގައި ބައެއް ފަހަރު ދޮގު މައުލުމާތުވެސް މީޑިއާއަށް ހާމަކޮށްފަ އެބަވޭ. ޒުވާން ބޭފުޅަކަށްވީމަ އަޅުގަނޑުގެ އުންމީދު ހުރީ ރަނގަޅުވާނެކަމަށް. އެކަމަކު އެހެނެއް ނޫން ކަންކަން މިވީކީއެއް،"

އަޒީޒް ވިދާޅުވީ ކައުންސިލްގެ ނައިބު ރައީސްގެ ހައިސިއްޔަތުން މިސްބާހަށް އޭނާގެ އެއްވެސް އިތުބާރެއް ނެތްކަމަށެވެ. އަދި އޭނާ ވަކިކުރަން ނިންމި ނިންމުމަކީ އެއްވެސް ސިޔާސީ ކުލައެއް އެކަމުގައި ޖެހިފައި ހުރިކަމެއް ނޫންކަމަށާއި، މާމެންދޫގައި ތިބީ މިނިވަން މުސްތަގިއްލު ކައުންސިލަރުންތަކެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލް ރައީސްގެ އެ ތުހުމަތުތަކަށް މިސްބާހު ވިދާޅުވީ، އޭނާއަށް އަދަބުދެމުން ދަނީ އެއީ ކައުންސިލް ރައީސްގެ ވިސްނުފުޅާ ތަފާތު ވިސްނުމެއް ހުރުމުންކަމަށާއި، އޭނާއަށް އެކުރާ ތުހުމަތުތަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެކަންކަމާ ކައުންސިލް ރައީސްގެ އަރިހުން އެއްސެވެމުންވެސް ރައީަށް އެކަންކަމުގައި ޖަވާބު ދެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޒަމާނަކީ ބަސްބުނުމުގެ މިނިވަންކަން ހިފަހައްޓައިގެން އުޅެވޭނެ ޒަމާނެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑަށް މިދޭ އަދަބަކީ ކައުންސިލް ރައީސްގެ ވިސްނުންފުޅާ ދެކޮޅުވުމުގެ ސަބަބުން ދޭ އަދަބެއް. އަޅުގަނޑެއް ނޯންނާނެ އެއްވެސް މުވައްޒަފަކަށް އެއްވެސް އިރެއްގައި ފިޔަވަޅު އަޅާނޭކަމަށް އިންޒާރު ދީފައެއް ސުލޫކާ ހިލާފަށް. އެ ތުހުމަތުތައް އަޅުގަނޑު ދޮގުކުރަން،"

މިސްބާހު ވިދާޅުވީ ކައުންސިލް ރައިސް ފާހަގަކުރެއްވި އިދާރީ މުވައްޒަފުންނަށް އިންޒާރުދޭކަމުގެ މައްސަލައަކީ، އެއީ ރައީސްގެ އިރުޝާދުގެ ދަށުން ހެދި މަސައްކަތުގެ ޕްލޭނެއްގެ ގޫގުލް ޝީޓެއް ބަރާބަރަށް އަދާހަމަނުކުރާތީވެ ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް، ކައުންސިލްގެ އެކަމާއި ހަވާލުވެގެން ހުންނެވި ފަރާތަށް އެކަން ނުވުމުގެ ސަބަބުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ބުނި ބުނުމެއް ކަމަށެވެ.

އަދި އެއީވެސް އިންޒާރެއް ނޫންކަމަށާއި، އެބޭފުޅާ މަގާމުގެ ޒިންމާ އަދާނުކުރެއްވުމުން، ކަން ކުރަން ޖެހޭ ގޮތަށް ފިޔަވަޅު އަޅާނެކަމަށް ވައިބާ ގުރޫޕެއްގައި ބުނުމަކީ އެއީ އިންޒާރު ދިނުންތޯ މިސްބާހު ސުވާލު އުފެއްދެވިއެވެ.

ކައުންސިލްގެ ރައީސް އަޒީޒް ދެން ކުރެއްވި ތުހުމަތުކަމުގައިވާ ކައުންސިލްގެ ނިންމުންތަކާއި ދެކޮޅު ހަދައި ތަންފީޒުކުރަން ނޫޅޭ ވާހަކައިގެ ފަހަތުގައިވެސް އެހެން ކަމެއް އެބަ އޮތް ކަމަށް މިސްބާހު ވިދާޅުވިއެވެ. އެގޮތުން ކައުންސިލް ރައީސް އަޒީޒްއަކީ މީޑިއާ އާއި ދުރު، އަދި މައުލޫމާތާއި ކައުންސިލްގެ ނިންމުންތައް އާންމުކުރުމާވެސް ދުރު ބޭފުޅެއްކަމަށް މިސްބާހު ވިދާޅުވިއެވެ.

"ކައުންސިލްގެ ނިންމުންތައް އެއި އާންމުކުރަން ޖެހޭކަމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުން. މިހާރު ފެންނަން ހުންނާނެ ކައުންސިލްގެ ޕޭޖުތަކުން އެކަންކަން. ދެން މީޑިއާއަށް އަޅުގަނޑު މައުލޫމާތު ދެއްވަތީ ރައީސް ވަރަށް ހިތްޕުޅާނުވޭ ހަމަ. ވަރަށް ހިތްޕުޅާ ނުވޭ. އެކަމަކު އަޅުގަނޑު ގުޅައިގެން އިންޓަވިއު ދެނީކީއެއްނޫން. މީޑިއާއިން ގުޅީމަ އަޅުގަނޑު މައުލޫމާތު ދެއްވާތީ ހިތްޕުޅާ ނުވަނީހަމަ. އެކަމަކު މި ޒަމާނަކީ އެގޮތަށް ފްރީޑަމް އޮފް ސްޕީޗް ހިފެހެއްޓޭ ޒަމާނެއް ނޫންތާ،"

މިސްބާހު ވިދާޅުވީ އޭނާއަށް އަންނަ އަދަބުތަކަކީ ރައީސްގެ ވިސްނުމާ ހިލާފްވުމުގެ ސަބަބުން އަންނަ އަދަބުތަކެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެކަން ކުރިމަތިވީ މާމެންދޫގައި ހުރި ވެލިފުންޏެއްގެ މައްސަލައިގައި ކައުންސިލްއިން ނިންމި ނިންމުމަކާއި ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ވެލިފުނި އަސްލު ހަގީގަތުގައި އޮތީ އަޅުގަނޑުމެން ބޭނުން ނުކުރާ ގޮތަށް. ދެން ރަށް ގިރުމުގެ ޕްރެޝަރާއި އެކި ކަންކަމާއި ގުޅިގެން އޮތީ، މޫދަށް އަޅަން ނިންމާފަ. އޮއްވާ ކައުންސިލްގެ މަސައްކަތްތެރިންތަކެއް އެތަނުން ވެލިނަގާތަނުގެ ވީޑިއޯ އާންމުވީ ސޯޝަލް މީޑިއާގައި. ދެން އަޅުގަނޑުމެން ބުނިން އެކަމުގައި އިހުމާލެއްވާނަމަ، އެކަމަށް ފިޔަވަޅު އަޅަން މަސައްކަތްކުރާނަމޭ. އެކަމަކު ރައިސް އަޅުގަނޑާ ދިމާލަށް ދެންނެވީ، މިސްބާހުއޭ ދެން ކިހިނެތްހޭ ކައުންސިލް މެމްބަރުންނަށް ފިޔަވަޅު އެޅޭނީ އަދި ތިހެން، ހަމަ އެހެން ވިދާޅުވީ،"

މިސްބާހު ވިދާޅުވީ ކައުންސިލުން އޭނަގެ ޒިންމާތައް މީގެ ދުވަސްކޮޅެއް ކުރިން ނެގި ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ މައްޗަށް ރަށުގައި ރުއްގަސް ކެނޑުމާއި، ކަޅު ތެޔޮ ޖެހުންފަދަ ހާދިސާތަކުގެ ޒިންމާގެ ތުހުމަތުވެސް އައިސްފައިވާކަމަށެވެ. އަދި ކައުންސިލް މެމްބަރުންނަށް މިސްބާހު ބުނެގެން އިންޒާރު ދިންކަމުގެ ތުހުމަތުވެސް އައިސްފައިވާކަމަށެވެ. ނަމަވެސް އެކަންކަމަކި އޭނާގެ އަތެއް އެކަމުގައި ނުވާކަމެއްކަމަށާއި، އަދި ކައުންސިލުން އޭނާއަށް ނަސޭހަތް ދިނުމަށްފަހު އޭނާ އާންމުންނަށް މައާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެކަމަށް ބުނަން ކައުންސިލުން އޭނާއަށް އެންގިކަމަށެވެ.

"އަޅުގަނޑު ކިހިނެތްތޯ ޒިންމާ ނަގާނީ ނުކުރާ ކަމަކަށް. އެކަން ދެން ނުވާނެ ކަމަށްވެސް؟ އަޅުގަނޑަށް ނެތް ޔަގީންކަމެއް އެކަން ނުވާނެކަން އެއީ އަޅުގަނޑު ނުކުރާކަމަކަށް ވީމަ. ސާބިތުކޮށްދެވެންދެން އަޅުގަނޑު ކުށުން ބަރީއަވެގެން ނުވެތޯ؟ އެފަދަ ބޮޑެތި ޖިނާއީ މައްސަލަތަކުގައި؟ އެހެންވެ އަޅުގަނޑު ނުކުރަން އެކަމެއް. އަޅުގަނޑު ވާނެ އެލްޖީއޭއަށް އެކަންކަމުގައި ދެފަހަރެއްގެ މަތިން ސިޓީވެސް ފޮނުވާފަ. އެކަމަށް އެއްވެސް ޖަވާބެއް ނުލިބޭ އެލްޖީއޭގެ ފަރާތުން. ދެން ކިހިނެތްތޯ އިޖުރާއަތްތައް ފުރިހަމަވިކަމަށް ބެލެވޭނީ. ރަނގަޅު ކައުންސިލުން ކުރަން ޖެހޭ ކަންކަން ކުރި. އެކަމަކު އެލްޖީއޭއިން ޖަވާބެއް ނުދެއްވަ މިކަންކަމަށް."

ރަށުގެ އާ މެޖިސްޓްރޭޓްގެ ފިރިކަލުން ލައްވައި މަގާމު އަބުރާ ހޯދުމަށް މަސައްކަތްކުރާކަމަށް ކައުންސިލް ރައީސް ކުރެއްވި ތުހުމަތުތައް ދޮގުކުރަމުން މިސްބާހު ވިދާޅުވީ އެއީވެސް ކައުންސިލް ރައީސްގެ ވިސްނުން ސާފުކޮށް ދައްކައިދޭ ކަމެއް ކަމަށެވެ. އަދި ރަށުގައި މިފަހުން ކުރި މުޒާހަރާއެއްގައި އެބޭފުޅާ ބައިވެރިވެ އިސްކޮށް އުޅުނު މައްސަލަ ކައުންސިލުން ޖޭއެސްސީއަށް ފޮނުވަންވެސް އެޖެންޑާކުރިކަމަށް މިސްބާހު ވިދާޅުވިއެވެ. އެކަމަކު އެއީ ކޮން ގޮތަކުން ކުރެވޭނެކަމެއްކަމާއިދޭތެރޭ އޭނާ ސުވާލު އުފެއްދެވިއެވެ.

"މުޒާހަރާކުރުން އޭގެ ތަރަހައިގެ ތެރޭގައި އެއީ ކުރެވޭނެކަމެއް ނޫންތޯ؟ އެބޭފުޅާގެ މައްސަލަ ކިހިނެތްތޯ ޖޭއެސްސީއަށް ފޮނުވޭނީ މުޒާހަރާއެއްކޮށްގެން؟ ދެން އަޅުގަނޑަށް މަގާމު ހޯދައިދެއްވާނެކަމަށް ބުނާ ވާހަކަތަކަކީ އެއީ ހަމަ ސީދަ ދޮގެއް. އެއީ ކައުންސިލް ރައީސްގެ ވިސްނުން ހުރި މިންވަރު،"

މިސްބާހު ވިދާޅުވީ މާމެންދޫ ކައުންސިލްގައި މިހާރު ހިނގަމުންދާ އަރާރުންތަކަކީ އެއީ ލާމަރުކަޒީ ގާނޫނާއި، އެހެން ކައުންސިލްތަކަށްވެސް ހުރި ބިރެއްކަމަށެވެ. އަދި އެއީ މުޅި ރަށަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިތާމައެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ކަލޯ މިސްބާހް އިސްލާހް ވެބަ.. ވަރަށް ރަގަޅަށް ދަންނަ ކުއްޖެއް މިސްބާހް އަކީ .. ޔަޒީދުގެ ބަހުގައި ޖެހި ތި ހަލާކު ވަނީ.. ހެޔޮ ވިސްނުން ދެއްވާށި

ކޮމެންޓް

Your email address will not be published. Required fields are marked *