އުރީދޫގެ ހާއްސަ ސިމް ޕެކް އިފްތިތާހުކުރުން.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ނުވަތަ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރާއި ގުޅިގެން އެކަން ފާހަގަކުރުމުގެ ގޮތުން އުރީދޫއިން ފަތުރުވެރިންނަށް ޚާއްސަކޮށްގެން "ގޯލްޑަން އިޔާ ސިމް ޕެކް" އެއް ތައާރަފްކޮށްފިއެވެ.

އެ ސިމް ޕެކް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް އެ ސިމް ޕެކުގައި ހިމަނާފައިވާއިރު، ސޯޝަލް މީޑިއާއަށްވެސް ހާއްސަ ޑޭޓާ އެލަވަންސްތަކެއް ވަނީ ހިމަނާފައެވެ.

އެ ސިމް ތައާރަފްކޮށްދެއްވުމަށް ބޭއްވި ހަފްލާގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ގައުމު ތައްޔާރުވަމުންދާއިރު،  އުރީދޫއިންވެސް ތިބީ އެ އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި ކަމަށެވެ.

“މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔާ ސިމް ޕެކް އަޅުގަނޑުމެން ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއިއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން،"

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އުރީދޫގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފްކުރި އެ ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއްކަމަށެވެ.

އުރީދޫ މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ދާއިރާއަށް ބޭނުންވާ އީޖާދީ ހައްލުތަކާއި، ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން 2020 ވަނަ އަހަރު ކޮވިޑާހެދި ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯކާ މީޑިއާ ގްރޫޕާއި ގުޅިގެން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް “ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި ފަށާފައެވެ. އެ ކެމްޕޭން ކުރިއަށް ގެންދިޔައީ ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *