ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެ ސަރުކާރެއްގެ މައްޗަށް ލާޒިމްކަމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. މަގޫދޫގައި ފެނަކައިން ގާއިމުކުރި އާ އިންޖީނުގެ ހުޅުވައިދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އަސާސީ ކަންކަން ފުރިހަމަކޮށްދޭން ވައުދުވެވަޑައިގެންކަމަށާއި އަދި ކޮންމެ ވެރިކަމެއްގައިވިޔަސް އެފަދަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ލާޒިމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިހާރު އޮތް ސަރުކާރު ވެރިކަމަށް އައި، އިރު ވީ ވައުދުތަކަށްވެސް އެގޮތުގެ މަތިން އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ގާއިމުކުރާނެ ކަމުގެ ވައުދާއި އެކުގައިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެގޮތަށް ވައުދުވެވަޑައިގެންނެވީ ރާއްޖެ އުފެދިފައިވާގޮތުން ގުދުރަތީ ވަސީލަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނީ އެފަދަ ނިޒާމެއް ގާއިމުކޮށްގެން ކަމަށް ގަބޫލުކުރެއްވޭތީވެކަމަށެވެ.
އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވެވަޑައިގެންނެވީ އެންމެ މުހިއްމު އެއް ވައުދު ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ރަށެއްގައި ތިބެގެން ރަނގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމާއި ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި ފެނާ ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ވީ ވައުދުތައް ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ވެރިކަމެއް ހިންގާނަމަ، އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް އެމަނިކުފާނު ފެއްޓެވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ނުލިބޭތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއީ މުޅިން ވެސް އަސާސީ ޚިދުމަތް. ސަރުކާރެއް ހިންގާ ކަމަށް ވަންޏާ، ވެރިކަމެއް ހިންގާ ކަމަށް ވަންޏާ، އެ ސަރުކާރަކަށް ލާޒިމު ކަންތައްތައް. މިއަދާ ހިސާބަށް، އަޅުގަނޑު ވެރިކަމާ ހަވާލުވީއިރުގައި، މީގެ ތެރެއިން ބޮޑު ބައި އޮތީ ނުފުދި.
ރައީސް ސޯލިހު ވަނީ ނ. މަގޫދޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ކޮށްފައިވާ އެކި މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރަނގަޅު މިސްކިތެއް ގާއިމުކުރުމާއި، ބަނދަރުގެ ދަތިކަން އެމަނިކުފާނުގެ ވެރިކަމުގައި ހައްލު ކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ. އަދި މިއަދު ހުޅުވުނު އިންޖީނުގެއާއި އެކު ރައްޔިތުންނަށް މެދުކެނޑުމެއްނެތި އެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ.