ފ. ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު ވ. އަތޮޅު ބޭރުން އަޑިއަށް ދިޔަ އަލަމާ-5 ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ފެނިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެދޯނި އަޑިއަށްދިޔައިރު ދޯނީގައި ތިބީ ދިވެހި ކެޕްޓަނަކާއި ދެ ބިދޭސީ ފަޅުވެރިންނެވެ. އެ ތިން މީހުންގެ ތެރެއިން ދިވެހި ކެޕްޓަންކަމުގައިވާ ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް އަދިވެސް ނުފެނެއެވެ. ފެނިފައިވަނީ ބިދޭސީ ދެ ފަޅުވެރިންނެވެ.

އެތަނުން އެކަކީ ބަންގްލަދޭޝަށް ނިސްބަތްވާ އަސަދުލް އިސްލާމްކަމަށް އެމްއެންޑީއެފުން މީގެ ކުރިން އެމީހުން ހޯދުމުގެ މަސައްކަތް ކުރުމަށް އެހީއަށް އެދެމުން އާންމުކުރި ވަނަވަރުގެ މައުލޫމާތުން ދައްކައެވެ. ދެވަނަ ބިދޭސީ މީހާގެ މައުލޫމާތެއް އެމްއެންޑީއެފަށް އަދި ކަށަވަރުކުރެވިފައިނުވާތީ އޭނާގެ މައުލޫމާތެއް އާންމު ނުކުރެއެވެ. އެ ދެމީހުން ފެނިފައިވަނީ ދޯނީގައި ހުރި ހަންތަކެއްގައި އައްސައިގެން ކަނޑުމަތީ ތިއްބައެވެ.

ދޯނި އަޑިއަށްދިޔަކަމަށް ބެލެވޭ ސަރަހައްދު.

އެމްއެންޑީއެފުން މިއަދު ބުނީ އެ ދެ މީހުން ފެނިފައިވަނީ މިއަދު ހެނދުނު 06:50 ހާއިރު، ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކަމަށެވެ. އެދެމީހުން ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން ދަނިކޮށް އެމީހުންގެ ކުންފުނީގެ ފަރާތުން އެމީހުންނާ ފޯނުން ގުޅޭކަމުގެ މައުލޫމާތު ރޭ 22:12 ހާއިރު ލިބުނުކަމަށް ސިފައިން ބުނެއެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރޭ 22:29 ހާއިރު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ސަލާމަތްކުރި ދެމީހުންނާ ގުޅުނުކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ލަކްސް ސައުުތު އަރި ރިސޯޓު.

އެމީހުންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އާދަމް ޝަފީގް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން  މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށް ސިފައިން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑްގެ ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސާވިސް، ދޯނީގެ ވެރިފަރާތްވެސް ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ވައިގެ މަގުން އެސަރަހައްދުގައި ޓީ.އެމް.އޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރިވެފައިވާކަމަށް ސިފައިން ބުނެއެވެ.

އަލަމާ ދޯނި ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ ހޯމަ ދުވަހުގެރޭ 23:22 ހާއިރެވެ. އެ ދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށެވެ. އެހާދިސާގައި ދޯނި އަޑިޔަށް ދިޔަ ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *