މިއަދު ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދޫގައި އަތޮޅު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުވުމުގައި، އަތޮޅު ކައުންސިލްގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ރައީސްއާ ހިއްސާކޮށްފިއެވެ.
ނ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ސޯލިހު މިހާރު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މަނަދޫގައި އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ އަތޮޅު ކައުންސިލްގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނެސްދެއްވާނޭކަމަށް ވިދާޅުވެފައެވެ.
އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ތަރައްގީއަށް ރާވާފައިވާ ކަންކަމަށް ދިމާވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން އަތޮޅުގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ހުރި އެކި ކަންބޮޑުވުންތަކާއި، ބައެއް ރަށްރަށުގެ އިހްތިސާސްއާ ގުޅޭ ކަންބޮޑުވުންތަކާއި ކުނި މެނޭޖްކުރުމަށް ގެންގުޅޭ ވިސްނުމާއި ގުޅޭ ކަންބޮޑުވުންތައް އަތޮޅު ކައުންސިލްގެ ފަރާތުން ރައީސްއާ ހިއްސާކުރިއެވެ.
އޭގެ އިތުރުންވެސް ފެރީ ދަތުރުފަތުރުގެ ހިދުމަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި އަތޮޅު ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްވެސް ކައުންސިލްގެ ފަރާތުން ރައީސްއާ ހިއްސާކުރިއެވެ.
އަދި ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ފުޅާ ދާއިރާއެއްގައި ރައީސްއާ މަޝްވަރާކޮށްފައެވެ.
ނ. އަތޮޅު ކައުންސިލް އިދާރާގައި މިއަދު އޮތް އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ހާސިލްކޮށް ނަތީޖާ ނެރެވޭނީ ވަކި ރަށެއްގެ މަސްލަހަތު އިސް ނުކޮށް ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެންކަން ފާހަގަކޮށްފައެވެ.
ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުންވެސް ރައީސް ވަނީ ނ. އަތޮޅުގެ ތަރައްގީއަށް ކައުންސިލުން ގެންގުޅޭ ވިސްނުން ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކާއި އެއްގޮތަށް ބެހެއްޓުމަށް ކައުންސިލްގެ އަރިހުން އެދިވަޑައިގެންފައެވެ.
ނ އަތޮޅު ކައުންސިލްގެ އިތުރުން ރައީސް މިއަދު ވަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދޫގެ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ މަނަދޫގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ.
ރައީސް ވަނީ އެކަންކަމަށްވެސް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މަނަދޫގެ ތަރައްގީއާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރި ކަންކަމުގެ މައުލޫމާތު ރައީސް ވަނީ މިއަދު ކައުންސިލާ ހިއްސާކުރައްވާފައެވެ.
ރައީސް ސޯލިހު ނ. އަތޮޅަށް ކުރައްވާ އެ ދަތުރުފުޅުގައި މިރޭ ވަނީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގައި ތަރައްގީކުރާ އާ އިމާރާތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި އެ ތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.
އެ ޒިޔާރަތުގައި ރައީސް ވަނީ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދަވާފައެވެ. އަދި ހޮސްޕިޓަލަށް ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންވެސް ރައީސް މައުލޫމާތު ހޯއްދެވިއެވެ. އެގޮތުން ހޮސްޕިޓަލުގައި އައިސީޔޫއެއް ނެތުމުގެ ދަތިކަން ހޮސްޕިޓަލުގެ އިސްވެރިން ވަނީ ރައީސްގެ އަރިހުގައި ފާހަގަކުރައްވާފައެވެ.
ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގައި ހަ އޯޕީޑީ ކޮޓަރިއާއި ލެބޯޓަރީ ހިމެނޭ އާ އިމާރާތުގެ ފިނިޝިން މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ހޮސްޕިޓަލުގެ ވޯޑް އޭރިޔާގައި މެޑިކަލް ގްރޭޑުގެ އެއާ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭ ޓެންޑާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހު ނ. އަތޮޅަށް ކުރައްވާ އެ ދަތުރުފުޅަކީ އެ އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ވަނީ ލަންދުއާއި މާފަރަސް ވަޑައިގެންފައެވެ. އަދި މާދަމާ މަގޫދުއަށާއި ހޮޅުދުއަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ވެރިކަން ކުރާ މައި ޕާޓި އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކެމްޕޭން ފައްޓަވައިދެއްވުމަށް ށ. ކޮމަންޑޫއަށެވެ.