ރޭގެ ވަގުތެއްގައި ވ. އަތޮޅު ކައިރިން އަޑިޔަށްދިޔަ އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމަށް ޑޯނިއާ މަތިންދާބޯޓާއި ކަނޑު އުޅަނދު ބޭނުންކޮށްގެން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެ ދޯންޏަކީ ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެކެވެ. ވ. ފުއްސަރުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލު ބޭރުން އެ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓު ސިފައިންނަށް އެންމެ ފުރަތަމަ ލިބުނީ ރޭ 23:22 ހާއިރުއެވެ. އެމްއެންޑީއެފް އިން ބުނީ އެ ދޯނި އަޑިއަށްދިޔައިރު އެ ދޯނީގައި ތިބީ ދިވެހި ކެޕްޓަނަކާއި ދެ ބިދޭސީން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، އަލަމާ ދޯނި ހޯދަން ކޯސްޓްގާޑުން މިހާތަނަށް ކަނޑާއި ވައިގެ މަގުން 2،720 ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިކަމަށެވެ. އަދި ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު އެކަމުގައި އެމްއެންޑީއެފް ޑޯނިއާ ފްލައިޓުގެ އިތުރުން ކޯސްޓްގާޑްގެ އެކޯ-905 ސީ އެމްބިއުލާންސް ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަޑިޔަށްދިޔަ އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ. އަތޮޅުގެ އުތުރުން އެއް ނޯޓިކަލް މޭލު ބޭރުން މިއަދު ކޯސްޓްގާޑަށް ފެނިފައިވާކަމަށް އެމްއެންޑީއެފުން މީގެކުރިން ބުނެފައިވެއެވެ.
އަލަމާ ދޯނި އަޑިއަށްގޮސް އެ ދޯނިން ދަތުރުކުރި މީހުން ގެއްލުނު ހާދިސާ މިކުރިމަތިވީ ގުޅީފަޅު ކައިރިއަށް ބޯވަ ނަގަން ދިޔަ ޒުވާނަކު ގެއްލިގެން އެމްއެންޑީއެފުން ހޯދަމުން ދަނިކޮށެވެ. އެޒުވާނާ ހޯދުމަށްވެސް އެމްއެންޑީއެފުން ވަނީ ބޮޑު ސަރަހައްދެއް ބަލައިފައެވެ. ނަމަވެސް އަދިވެސް އޭނާ ފެނިފައެއް ނުވެއެވެ.