މުހައްމަދު ރާޝިދު ރައީސް ސޯލިހާއެކު. ފޮޓޯ: ސޯޝަލް މީޑިއާ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮމަންޑުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ކޮމަންޑުއަށް ވަޑައިގަންނަވާނީ މިހާރު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަންނަ ބުރާސްފަތި ދުވަހުއެވެ. ނ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ މާފަރާއި ލަންދުއަށް ވަޑައިގެންފައެވެ. އަދި މިވަގުތު ރައީސް ސޯލިހު ހުންނެވީ އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދޫގައެވެ. އެމަނިކުފާނު ކޮމަންޑުއަށް ވަޑައިގަންނަވާނީ މަގޫދޫއަށާއި ހޮޅުދުއަށް ވަޑައިގަތުމަށްފަހުއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

އޭނާ އަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. ރާޝިދަކީ ރައީސް ސޯލިހު ނިސްބަތްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދުވަސްވީ މެމްބަރެއްވެސްމެއެވެ. ރާޝިދަށް އެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ލިބުނީ އޭނާއާއެކު އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އިތުރު މީހަކު ކުރިމަތިނުލުމުންނެވެ. ރާޝިދުގެ ކެމްޕޭނަށް ރައީސް ސޯލިހު ވަޑައިގަންނަވާނީ ޕާޓީގެ އިސް ލީޑަރުގެ ހައިިސިއްޔަތުންނެވެ.

ރާޝިދު ނިސްބަތްވާ އެމްޑީޕީގެ އިތުރުން ދެން އެ ބައި އިލެކްޝަނުގައި ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މޫސާ ފަތުހީއާއި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަންނާން އިދުރީސެވެ. އެ ދެ ކެންޑިޑޭޓުންވެސް ހޮވުނީ އިތުރު މީހަކު ކުރިމަތިނުލާތީވެ ޕްރައިމަރީއަކާ ނުލައެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

1
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *