ޖަމިއްޔަތުލް އިއްތިހާދުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ވަރުގެ ކަމެއް ފާހަގަކުރެވިފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން އެފަދަ މައްސަލައެއް ސިޓީއެއްގެ ޒަރިއްޔާއިން ފުލުހުންނަށް ހުށަހެޅީ އިއްޔެއެވެ. އެކަމާއި ގުޅިގެން ފުލުހުން އޭރު ބުނީ އެސިޓީއާ ގުޅޭގޮތުން ބަލަންހުރިކަމެއްވާނަމަ އެކަމެއް ފުލުހުން ބަލަމުންދާނެކަމަށެވެ.
މިއަދު ފުލުހުން އެމައްސަލައާ ގުޅިގެން ބުނީ އެ މައްސަލައިގައި ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން ނަޝީދު ރާއްޖޭގައި ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ތަހުގީގެއް ނުހިންގާ ކަމަށެވެ.
ޖަމިއްޔަތުލް އިއްތިހާދުން ފުލުހުންނަށް ހުށައެޅި މައްސަލާގައި ބުނީ ނަސާރާ ދީނުގައި ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުވާކަމަށާއި އަދި އޭގެ ކުރީ އަހަރުތަކުގައިވެސް ނަޝީދު ހަމަ އެބީދައިން އަމަލުކުރައްވާތީ އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅިކަމަށެވެ.
ރައީސް ނަޝީދުގެ މައްސަލައެއް ޖަމިއްޔަތުލް އިއްތިހާދުން ފުލުހަށް ހުށަހަޅައިފި
ނަމަވެސް އޭރުވެސް އެމައްސަލަ ބަލާފައިނުވާކަމަށް އެޖަމިއްޔާއިން ބުނެއެވެ. އަދި ކްރިސްމަސްއާ ގުޅިގެން ނަޝީދު ތަހުނިޔާގެ މެސެޖުތައް ފޮނުއްވާ އެފަދަ ފޮޓޯ އާންމުކުރައްވާކަމަށްވެސް އެ ޖަމިއްޔާއިން ހުށަހެޅި މައްސަލައިގައި ބުނެއެވެ.
އެ މައްސަލަ ތަހުގީގުނުކުރަން ނިންމުމަށްފަހު އެކަމާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ ސިޓީ ހުށަހަޅާފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކުރެވިގެން ހިންގާ ގާނޫނީ ޝަހުސަކުންކަމުގައި ނުވާތީ އެސިޓީއާމެދު އަމަލުކުރިގޮތް އެސިޓީ ފޮނުވި ފަރާތަށް އަންގާފައި ނުވާކަމަށެވެ.
އަދި އެސިޓީއާމެދު ފުލުހުން އަމަލުކުރީ ފުލުހުންނަށް ހިއްސާކުރާ މައުލޫމާތުތަކާމެދު އަމަލުކުރަމުންދާ އުސޫލުގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެވެ.
އެސިޓީއާ ގުޅިގެން ރައީސް ނަޝީދު ނިސްބަތްވާ އަދި ރައީސްކަން ކުރައްވާ ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ފަރާތްތައްވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާއި ދެކޮޅަށް ބަސްބުނެފައެވެ.
އަދި މިއަދު ރައީސް ނަޝީދާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައިވެސް ވަނީ އެފަދަ މައްސަލަތަކުގެ އަމާޒަކީ ނަޝީދުގެ ފުރާނައަށް ނުރައްކާކުރުވުންކަމަށާއި އަދި ހަރުކަށި ފިކުރަށް ނިސްބަތްވާ ފަރާތްތަކުން އެމަނިކުފާނަށް ނިސްބަތްކޮށް ކުޑައިމީސް ބަސް ބުނަން ގަޔާވާކަމަށް ބުނެ އެފަދަ މައްސަލަތައް ބެލުމަށްވެސް ގޮވާލިއެވެ.