ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

އެމަނިކުފާނުގެ ޒާތުފުޅަށް ޒާތަށް ނިސްބަތްކޮށް ކުޑައިމީސް ބަސް ރައްދުކުރުމަކީ ހަރުކަށި ފިކުރުގެ މީހުން ވަރަށް ގަޔާވާ ކަމެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ "ރައްޔިތުންގެ އިއްތިހާދު" ނަމުގައި އުފައްދާފައިވާ ޖަމިއްޔާއަކުން،  އެމަނިކުފާނު ޣައިރު ދީންތަކުގެ ޝިއާރުތައް ރާއްޖޭގައި ފަތުރާ ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ.

ރައީސް ނަޝީދާއި ހަވާލާދީ ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި މީޑިޔާގެ ރިޕޯޓުތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެފައިވާކަމަށް ބުނެފައެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހުގައި، މިފަދަ ބަސްމަގުން އަޅުގަނޑުގެ ޒާތަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ، އެފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެކެވެ. އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ،"

ރައީސް ނަޝީދާއި ހަވާލާދީ ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާން

އެ ބަޔާނުގައި އެފަދަ ބަސްމަގު ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބަސް މަގާއި އެއް މަގުން ހިނގާތާ ދުވަސްތަކެއްވެފައިވާކަމަށް ބުނެފައެވެ. އަދި އިންތިހާއަށް ނުރައްކާތެރިވެފައިވާ އެފަދަ ބަސްމަގުގެ ބޭނުމަކީ ނަޝީދުގެ ފުރާނައާއި ޖާނަށް ނުރައްކާދިނުންކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

އެބަޔާނުގައި ބުނީ ރައީސް ނަޗީދަށް އަމާޒުކޮށް ލާދީނީ މީހެއްކަމުގައި ސިފަކޮށް ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމަށް އެމަނިކުފާނު އުންމީދުކުރައްވާކަމަށް ބުނެއެވެ. އަދި އެފަދަ މައްސަލަތައް ފުލުހަށް ހުށަހަޅަނީ ރާއްޖޭގެ ގާނޫނުލްއުގޫބާތަށް މިދިޔަ އަހަރުގެ މޭ މަހު ހުށަހެޅި އިސްލާހެއް އެގޮތަށް ފާސް ނުވުމުންކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

ބަޔާނުގައި އިޝަރާތްކުރި އިސްލާހަކީ "އިސްލާމީ އަގީދާއާ ގުޅުވައި، މުޖްތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން" އެއީ ކުށެއް ކަމަށް ބަޔާންކުރާ އިސްލާހެވެ. އެ ބިލް މަޖިލީހުން މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރިއިރު އެ އިބާރާތް އުނިކުރިކަން އެ ބަޔާނުގައި ފާހަގަކުރެއެވެ.

"ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ، ނަސާރާއިން ފާހަގަކުރާ އެއް އީދު ކަމަށްވާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުވާފައި ކަމަށް ބުނެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކްރިސްމަސްގެ ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ތަހުނިޔާގެ މެސެޖުތައް ފޮނުއްވާ އެފަދަ ފޮޓޯ އާންމުކުރައްވާފައިވާ ކަމަށާއި ފުލުހަށް އެފަހަރު މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ހުށަހެޅި މައްސަލައިގައި ބުނެއެވެ.

ގައިރު ދީންތަކަށް ރައީސް ނަޝީދު ފާޅުކަން ބޮޑުގޮތެއްގައި ތާއިދުކުރާކަމަށްބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަބަދުވެސް އަމާޒުވެއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ބޮމެއް ގޮއްވާލައި ރައީސް ނަޝީދަށްދިން ހަމަލާއަކީވެސް ހަރުކަށި ފިކުރުގެ ބަޔަކު އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ހަމަލާއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *