ފެމިލީ ކޯޓާއި، ސިވިލް ކޯޓުގެ ޑިވިޝަންތައް އުވާލައި ހިބައާއި ތަރިކައިގެ މައްސަލަތައް އަނެއްކާ ވެސް ސިވިލް ކޯޓުން ބަލާ ގޮތަށް ހަމަޖައްސައިފިއެވެ.
މީގެ ހަ އަހަރު ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން މަދަނީ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވާ އެހެން ހުރިހާ މައްސަލައެއް ބެލުމުގެ އިހްތިސާސް އޮންނަނީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ އުސޫލުގެ ދަށުން ބައެއް ކަހަލަ މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ގާނޫނުގެ ދަށުން ފުށުއެރުންތަކެއް އެބަހުރިކަމަށް މިއަދު އުއްތަމަފަނޑިޔާރު އަހުމަދު މުއްދަސިމް އަދުނާން ސޮއިކުރައްވައި ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެއްގައި ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އެ ޑިރެކްޝަނުގައި ބުނީ މިހާރު ސިވިލް ކޯޓުގެ ޑިވިޝަންތައް ބަހާލައި ތަރުތީބުކޮށްފައިވާގޮތުން ހަމަހަމަ އުސޫލުން މަސައްކަތްތައް އިންތިޒާމުކުރުމުގައި ހުރަސް އެޅެމުން އަންނަ ކަމަށެވެ. އެހެންވެ ދެ ކޯޓުގެ ޑިވިޝަންތައް އުވާލައި ކޯޓުތަކުގެ ގާނޫނުގައިވާގޮތަށް އެ ދެ ކޯޓުންވެސް މައްސަލަތައް ބަލަން ކަނޑައަޅައި، ދެ ކޯޓުގެ ޑިވިޝަންތައް އުވާލަން ނިންމާފައިވާ ކަމަށެވެ.
އެ ޑިރެކްޝަނުގައި ފާހަގަކުރި ފުށުއެރުންތަކަކީ ސިވިލް ކޯޓުގައި މީގެ ހަ އަހަރު ކުރިން އުފެއްދި ޑިވިޝަންތަކާއެކު އެ ކޯޓުން ބަލަމުންދިޔަ ހިބައާއި ތަރިކަ މުދަލުގެ މައްސަލަތަކުގެ އިތުރުން ވާރިސުން ގިންތި ކުރުމުގެ މައްސަލަތަކާއި މައިންބަފައިން ގެދޮރަށް ވައްދަން ހުށަހަޅާ މައްސަލަތައް ބެލުމުގައި ހުރި ފުށުއެރުންތަކެކެވެ.
ސުޕްރީމް ކޯޓުން ހަ އަހަރު ކުރިން ހެދި އުސޫލުގެ ދަށުން ހިބަ އާއި ތަރިކައިގެ މައްސަލަތައް ފެމިލީ ކޯޓުން ބަލަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސިއެވެ. ނަމަވެސް ކޯޓުތަކުގެ ގާނޫނުގައި ސިވިލް ކޯޓުގެ އިހްތިސާސް ބަޔާންކުރާ ޖަދުވަލު ބުނާގޮތުން ހިބަ އާއި ތަރިކައިގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަނީ ސިވިލް ކޯޓަށެވެ. ހަ އަހަރު ކުރީގެ އެ އުސޫލުގެ ދަށުން އެފަދަ ހިބަ އާއި ތަރިކައިގެ މައްސަލަތައް ބަލަން ފެމިލީ ކޯޓުގައި ޑިވިޝަނެއްވެސް ގާއިމުކުރިއެވެ.
ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން ނެރުނު އެ ޕްރެކްޓިސް ޑައިރެކްޝަނާއެކު އަނެއްކާވެސް އާއިލާތަކުގެ ތެރޭގައި އުފެދޭ ހިބަ އާއި ތަރިކަ މުދަލުގެ މައްސަލަތަކުގެ އިތުރުން ވާރިސުން ގިންތި ކުރުމުގެ މައްސަލަތަކާއި މައިންބަފައިން ގެދޮރަށް ވައްދަން ހުށަހަޅާ މައްސަލަތައް ބަލާނީ ސިވިލް ކޯޓުންނެވެ.
ސިވިލް ކޯޓުން ބަލާ މައްސަލަތައް ބަހާލެވޭ ފަސް ޑިވިޝަނެއް ގާއިމުކޮށްފައި އޮވެއެވެ. އެ ޑިވިޝަންތަކަކީ ހުކުމް ތަންފީޒުކުރާ ޑިވިޝަނަކާއި މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނަކާއި މުދަލާއި ފައިސާގެ ކުދި މައްސަލަތައް ބަލާ ޑިވިޝަނެއްގެ އިތުރުން އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަކާއި ޑިސްޕިއުޓް ރިޒޮލިއުޝަނާ ބެހޭ ޑިވިޝަނެކެވެ. މި ނިންމުމާއެކު އެ ފަސް ޑިވިޝަންވެސް ވަނީ އުވާލެވިފައެވެ. އަދި ކޯޓުތަކުން މައްސަލަތައް ބަލާނީ ކޯޓުތަކުގެ ގާނޫނުގައި ވާގޮތުގެ މަތިންނެވެ.
އެ ނިންމުމާއެކު ހިބައާއި ތަރިކަ މުދަލުގެ މައްސަލަތަކުގެ އިތުރުން ވާރިސުން ގިންތި ކުރުމުގެ މައްސަލަތަކާއި މައިންބަފައިން ގެދޮރަށް ވައްދާ މައްްސަލަތައް ބަލާނީ ސިވިލް ކޯޓުންނެވެ. ސުޕްރީމް ކޯޓުން ބުނީ އެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ފެބްރުއަރީ މަހުން ފެށިގެން ކަމަށެވެ. އެހެންވެ މި މަހުގެ ނިޔަލަށް އެނިންމުމަށް އަމަލުކުރަން އިންތިޒާމުތައް ހަމަޖެއްސުމަށް ކޯޓުތަކަށް ވަނީ އަންގައިފައެވެ.