އެމްއޭސީއެލްގެ އައު ވީއައިޕީ ޓާމިނަލް---- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ވީއައިޕީ ޓާމިނަލް ހުޅުވުން ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާ ދުވަހަށް އަވަސްކޮށްފިއެވެ.

'ޖަޒީރާ' އަށް އެނގިފައިވާ ގޮތުގައި އާ ޓާމިނަލް ހުޅުވާނީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔި ގެ ދަތުރުފުޅާ ދިމާކޮށެވެ.

ރާއްޖޭގެ މައި އެއާޕޯޓުކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން އެންމެ ފުރަތަމަ އާ ވީއައިޕީ ޓާމިނަލް ހުޅުވަން ހަމަޖެއްސީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔި ގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ވޭންގް ޔި އެފްރިކާގެ ބައެއް ގައުމުތަކަށް ޒިޔާރަތްކުރައްވާނެއެވެ.

އެމަނިކުފާނުގެ ދަތުރުފުޅާ ދިމާކޮށް މިނިސްޓަރު ޝާހިދުވެސް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޝާހިދު މިވަގުތު ހުންނެވީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އެމެރިކާގެ ނިއު ޔޯކުގައެވެ. ނަމަވެސް މިނިސްޓަރު ވޭންގް ޔި އަށް ރާއްޖެއިން މަރުހަބާ ވިދާޅުވާނީ ފޮރިން މިނިސްޓަރު ޝާހިދެވެ.

މިނިސްޓަރު ވޭންގް ޔިގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުންވެސް އެދަތުރުފުޅުގައި ފާހަގަކުރާނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ޒިޔާރަތަށް އާ ޓާމިނަލް ހުޅުވާއިރު، އެ ޓާމިނަލަކީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު(ބީޔޫސީޖީ) އިން އިމާރާތް ކުރި ތަނެކެވެ.

މިހާރު އެއާޕޯޓުގައި ހުންނަ މާމަހި އެގްޒެކިޓިވް ލައުންޖާ ޖެހިގެން ހުންނަ އެ ޓާމިނަލަކީ 2،200 އަކަމީޓަރުގެ ސަރަހައްދެގައި ހަތަރު ބުރިއަށް ތަރައްގީކުރި އިމާރާތެކެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ އެ އިމާރާތަކީ ވީއައިޕީ ދަތުރުތައް ކުރާ ބޭފުޅުންނަށް އަމިއްލަ މިނިވަންކަމާއި ޕްރައިވެސީ ލިބޭނެފަދަ ގޮތަކަށް ޑިޒައިންކޮށްފައި ހުރިތަނެއްކަމަށް އެމްއޭސީއެލުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *