އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ މައްސަލަ އަނެއްކާވެސް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން އިދިކޮޅު ކޯލިޝަނުން ތައްޔާރުވެއްޖެއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އެ އިންތިހާބުގައި ވޯޓު ބާތިލުކުރެވޭ ގިނަ ކަންކަން މިހާރުވެސް އެ ކޯލިޝަނުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަން ތައްޔަރުވަމުންދާކަމަށްވެސް ކޯލިޝަނުން ބުނެއެވެ.
އިދިކޮޅު ޕާޓީތަކުން މީގެކުރިންވެސް ވަނީ 2018 ވަނަ އަހަރުގެ އިންތިހާބު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އެ މައްސަލަ ނިންމައި އިންތިހާބު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވަނިކޮށް، އަނެއްކާވެސް އެ މައްސަލަ ހުށަހަޅަން އިދިކޮޅުން ނިންމީ މީޑިއާގައި ތިލަވަމުންދާ ޚަބަރުތަކާއި ފުލުސް އޮފީހުގެ ބަޔާންތަކުގެ އިތުރުން މީގެކުރިން ވެސް އެ ކޯލިޝަންގެ ވަކީލުންގެ ޓީމުން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށްކަމަށް މިއަދުގެ ބައްދަލުވުމުގައި ކޯލިޝަނުގެ ފަރާތުން ބުނިއެވެ.
އިދިކޮޅުން ބުނީ ވޯޓު ބާތިލުކުރެވޭނެ ގިނަ ކަންތައްތަކެއް ހުރިކަން ސާބިތުކޮށްދެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ވޯޓުލީ މީހުންގެ އަދަދާ، ބާތިލުކުރި ވޯޓާއި ވޯޓުލީ މީހުންގެ ޖުމްލަ ދިމާނުވާ މައްސަލަ އެކޯލިޝަނުން ފާހަގަކުރިއެވެ. އަދި ސެކިއުރިޓީ ފީޗާތަކެއް ނެތް ވޯޓު ކަރުދާސްތަކެއް ބޭނުން ކުރިކަމުގެ ތުހުމަތުވެސް އިދިކޮޅުން ކުރެއެވެ.
އިންތިހާބާ ބެހޭ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނީ، ރިޔާސީ އިންތިހާބު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އިންތިހާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން އެކަށީގެންވާ ގާނޫނީ އަސާސްތަކެއް އަދި ގަރީނާއެއްވެސް ދައްކާފައި ނުވާ ކަމަށް އެ ހުކުމުގައި ބުނެއެވެ.
މިހާރު އޮތް ސަރުކާރު ވެރިކަމަށް ގެނައި 2018 ވަނަ އަހަރު އޮތް އެ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 41.60 އިންސައްތަ ވޯޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު އިންތިހާބަށް ކުރިމަތިލި ކޯލިޝަނަށް 134،705 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 58.40 އިންސައްތަ ވޯޓެވެ.