އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމުގެ މަތިން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ކުރުމަށް ސިޓީ ކައުންސިލުން ހުޅުވާލި ޕާކިން ސްލޮޓްތަކަށް އެދުމަށް އަލުން އިއުލާނުކޮށްފިއެވެ.
މާލޭގައި ޕާކިން މައްސަލަ ހައްލުކުރުމަށް 450 ޕާކިން ސްލޮޓް ދޫކުރަން ނިންމާ އޭގެ ތެރެއިން 211 ސްލޮޓަށް ކުރިމަތިލާން ހުޅުވާލީ ޖުލައި މަހުގައެވެ. އެ 211 ސްލޮޓަށް 900 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ. ނަމަވެސް އެ ސްލޮޓްތަކަށް އެދި ފޯމު ހުށަހެޅުމުގައި މައްސަލަތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން އޭރުވެސް ދިޔައީ ބުނަމުންނެވެ. އަދި އެމައްސަލައިގައި އަމިއްލަ ފަރުދަކު ވަނީ އޭސީސީއަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް، އޭގެ ފަހުން ސިޓީ ކައުންސިލުން ވަނީ އެމައްސަލަ ހޫނުވުމުން އަލުން ގުރުއަތު ނަގަން ނިންމާފައެވެ.
މާދަމާ ކުރިޔަށް ގެންދަން އޮތް އެ ގުރުއަތު ނެގުން މިހާރު ވަނީ އޭސީސީގެ އެންގުމަކަށް ބާތިލުކޮށްފައެވެ. އޭސީސީން އެގޮތަށް އެންގީ، ސްލޮޓްތަކަށް އެދި ހުށަހެޅުމުގައި އަދި ސިޓީ ކައުންސިލުން ފޯމުތައް ބަލައިގަތް ގޮތުގައި ގޯސްތަކެއް ހުރިކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ސިޓީ ކައުންސިލުން ޕާކިން ސްލޮޓަށް އެދި ފޯމު ހުށަހެޅުމުން އެ ސްލޮޓްތަކަށް އެދުނު ފަރާތްތަކަށް ދޫކުރީ ސްލިޕް ކޮޅެކެވެ. ސްލޮޓްތަކުގެ ގުރުއަތު ނެގުމުގައި ބޭނުންކުރީ އެ ސްލިޕްކޮޅުގައި އޮތް ނަންބަރެވެ. ކައުންސިލުން އެގޮތަށް އަމަލުކުރީ ބައެއް މީހުންނަކީ އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވާތީ އެކަކަށް ގިނަ ސްލޮޓް ލިބުމުގެ ފުރުސަތު ކުޑަ ކުރުމަށް ކަމަށް އެކައުންސިލުން ބުނެއެވެ.
ގުރުއަތު ލުމުގައިވެސް މައްސަލަތަކެއް އުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު، އޭސީސީއަށް މައްސަލައެއް ހުށަހެޅީ ފޯމުތައް ހުށަހެޅުމުގައި އަދި ބަލައިގަތުމުގައި ސިޓީ ކައުންސިލުން އަމަލުކުރީ ހަމަހަމަ އުސޫލެއްގެ ދަށުން ނޫން ކަމަށް ބުނެއެވެ. އެގޮތުން ބައެއް މީހުން ވަނީ ފޯމު ހުށަހެޅުމުން ކައުންސިލުން އެމީހުންނަށް ސްލިޕް ކޮޅެއް ދޫނުކުރާކަމަށްވެސް ބުނެފައެވެ.
އެ މައްސަލަ ބެލުމަށްފަހު އޭސީސީން ސިޓީ ކައުންސިލަށް އެންގީ ސްލޮޓަށް އެދި ހުށަހެޅުމުގެ މަސައްކަތް އަލުން އިއުލާނުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އޭސީސީން މިގޮތަށް އެންގިނަމަވެސް ސިޓީ ކައުންސިލުން އެކަމާ ގުޅިގެން ބުނީ އޭސީސީން ފާހަގަކޮށްފައިވަނީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީގޮތުން އޮޅުންތަކެއް އަރާފައިވާހުރި މައްސަލައެއް ކަމަށެވެ. އެހެންވެ ސިޓީ ކައުންސިލުން ވަނީ ޕާކިން ސްލޮޓުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ.