އެސްޓީއޯއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެން
އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދު މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލެވެ.
މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމުގައި 6 ދާއިރާއަކުން 26 ޖާގަ ހުޅުވާލާފައިވެއެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގައި ބައިވެރީން މަދުވެގެން 80 ގަޑިއިރު ތަމްރީނުކުރެވޭނެއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އަދި ބައިވެރިންނަށް އެސްޓީއޯއިން އެލަވަންސެއް ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.