ލާމަރުކަޒީ ގާނޫނުގެ ދަށުން އިހްތިސޯސް ކަނޑައެޅި އިރު ނ. މާފަރުގެ އިހްސޯސުން ބޭރުވެފައިވާ ބައި އަލުން ލިބޭނެ މަގެއް ފަހިވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އިހްތިސޯސް ކަނޑައަޅައި މާފަރުގެ ބައެއްގެ ގޮތުގައި އޮތް މާފަރުގެ ފަޅުން ގާތްގަނޑަކަށް 80 ހެކްޓަރުގެ ސަރަހައްދަކާއި، އެ ސަރަހައްދުގައި އޮންނަ ދެ ފަޅު ރަށެއް ވަނީ އެ ރަށުގެ އިހްތިސޯސުން ބޭރުވެފައެވެ.
އެކަމުގައި ރަށުގެ ރައްޔިތުންނާއި ކަންސިލްގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވަނިކޮށް ރައީސް ސޯލުހު މިއަދު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކައުންސިލުން ވަނީ އެ މަޝްވަރާތައް ރައީސްއާ ކުރައްވާފައެވެ.
މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން "ޖަޒީރާ" އަށް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ގިނަ ކަންތައްތަކެއް ހުށަހެޅި އިރު އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ހުށަހެޅީ މާފަރުގެ އިހްތިސާސް އިން އެ ސަރަހައްދު ބޭރުވެފައިވާ މައްސަލަ ކަމަށެވެ. މީގެ ކުރިން ވެސް ކައުންސިލް ބައްދަލުވުމަކުން ނިންމައި ރައީސް އަށް އެކަން ރަސްމީކޮށް ހުށަހަޅާފައިވާއިރު، އަދުނާން ވިދާޅުވީ އެކަމުގައި ރައީސްގެ ފަރާތްޕުޅުން އުންމީދީ ޖަވާބެއް މިއަދު ލިބުނު ކަމަށެވެ.
ރައީސް ވިދާޅުވީ ގާނޫނު އޮތް ގޮތުންނޭ މިހާރު މިހެން މި އޮތީ. އެކަމަކު ވެސް އަޅުގަނޑުމެން އެއާޕޯޓުވެސް ތަރައްގީކޮށް ހިންގާއިރު އެ ސަރަހައްދުގެ މުހިންމުކަން ފާހަގަކުރީމަ އެމަނިކުފާނު ވަނީ އެކަން ހައްލުވާނެ ގޮތެއް ބައްލަވާނެ ކަމަށް ވިދާޅުވެފަ. އެހެންވީމަ އުންމީދަކީ ރަނގަޅުގޮތެއް ވުން
އޭނާ ވިދާޅުވީ އޭގެ އިތުރުން ވެސް ރަށަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ބޭނުންވެފައިވާކަމާއި، ރަށުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ބޭނުންވެފައިވާ ކަން އެމަނިކުފާނަށް ހުށަހެޅި ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެކަންކަން ވެސް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވި ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު ނ. އަތޮޅުގެ 5 ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެންމެ ފުރަތަމަ މިއަދު ވަޑައިގެންނެވީ އެ އަތޮޅު މާފަރަށެވެ. ކައުންސިލްގެ އިތުރުން ރަށުގެ އާންމުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.