ރާއްޖޭގައި ޕެޓްރޯލް އަދި ޑީސެލް ވިއްކާ ބައެއް ކުންފުނިތަކަށް ކުރިމަތިވި ސަޕްލައިގެ ދަތިކަމެއްގެ ސަބަބުން އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވިއްކުން ކޮންޓްރޯލު ކޮށްފައިވާކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން އާންމުންނަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް 'ޖަޒީރާ' އަށް ވިދާޅުވީ އެކުންފުނިން ތެޔޮ ވިއްކުން ކޮންޓްރޯލްކުރީ ރާއްޖޭގައި ތެޔޮ ވިއްކާ އެހެން ބައެއް ކުންފުނިތަކަށްކަމަށެވެ. އަދި އެއީ އެފަރާތްތަކަށް މިދޭތެރެއިން އެރި ސަޕްލައި ތާށިކަމެއްގެ ސަބަބުން އެފްއެސްއެމުން ތެޔޮ ގަންނަން ފެށުމުން ޑިމާންޑް މަތިވުމުގެ ސަބަބުން އެޅި ފިޔަވަޅެއްކަމަށް ގަސަމް ވިދާޅުވިއެވެ.
"އަނެއްހެން އާންމުންނަށް އަސަރެއް ނުކުރާނެ. އެއީ ރާއްޖެއަށް ޕެޓްރޯލާ ޑީސެލް މި އެތެރެކުރަނީ އެސްޓީއޯގެ އިތުރުން އިތުރު ދެ ޕާޓީއަކުން އިނގޭތޯ. ދެން ހަތަރު ފަސް ވަރަކަށް ދުވަސް ވެއްޖެ އެހެން ފަރާތްތަކުގެ އަތުން ޕެޓްރޯލް ހުސްވެގެން. ދެން އެ ފަރާތްތަކުން ޕެޓްރޯލް ގަންނަންދާ ކަސްޓަމަރުންނަށް ޕެޓްރޯލް ގަންނަން އެފްއެސްއެމުން ގަންނަތާ. އެހެންވީމަ ފުދޭވަރަކަށް ޑިމާންޑް ހައިކޮށް މިދަނީ،"
ގަސަމް ވިދާޅުވީ އެފްއެސްއެމުން އަބަދުވެސް ތެޔޮ ވިއްކަނީ ދުވާލަކަށް ވަކި މިންވަރެއް ކަނޑައަޅައިގެންކަމަށެވެ. އަދި ތެލަކީ ރާއްޖެއިން ބޭރުން އެތެރެކުރާ އެއްޗަކަށްވާތީވެ އެހެން ކުންފުނިތަކަށް ކުރިމަތިވި ތާށީގައި އެފްއެސްމުންވެސް އެ ފަރާތްތަކަށް ވަކި މިންވަރެއް ވިއްކުމަށް މިހާރު ނިންމާފައިވާކަމަށެވެ.
"ދެން ޒަމާނުއްސުރެންވެސް އެސްޓީއޯއިން އެތެރެކުރާ ތެޔޮ އެފްއެސްއެމުން ވިއްކަނީ ދުވާލަކަށް ވަކި ވަރަކަށް. ވަކި ވަރަކަށް ލިމިޓެއް އިންނާނެ. އެހެންވީމަ ބާރުގަނޑެއް އައިމަ ޖެހޭނެތާ ކޮންޓްރޯލްކުރަން. އެހެންވީމާ އެއްފަހަރަކާ، ތެލަކީ ރާއްޖޭގެ ބިމުން ނަގާ އެއއްޗެއް ނޫން، ރާއްޖޭގައި އުފެއްދޭ އެއްޗެއްވެސް ނޫން. ހަމަ ބޭރުން ގެންނަން ޖެހޭ އެއްޗެއް އެއި. އެހެންވީމަ ކުއްލިއަކަށް މި ދިމާވި ކަންތަކާ ގުޅިގެން ޕެޓްރޯލް އެއްކޮށް ހުސްކޮށްނުލުމުގެ ބޭނުމުގަ އަޅުގަނޑުމެންވެސް އިންނާނީ ލިމިޓެއް ދީފަތާ،"
ގަސަމް ވިދާޅުވީ ތެޔޮ ވިއްކުން ކޮންޓްރޯލްކުރީ އެހެން ކުންފުނިތަކަށް ތެޔޮ ވިއްކަން ފެށުމުން އައި ޑިމާންޑުގެ އަސަރު އެފްއެސްއެމަށްވެސް ކުރިޔަ ނުދިނުމަށްކަމަށެވެ. އަދި އެފްއެސްއެމްގެ ތެޔޮ ސްޓޮކް އެބަހުރިކަމަށްވެސް ގަސަމް ވިދާޅުވިއެވެ.
"އެ ލިމިޓު އެންމެން އެފްއެސްއެމަށް ދިމާކުރީމަ ވާ ގޮތަކީ އެ ޑިމާންޑަށް ކޭޓާ ނުކުރެވިގެން ލިމިޓެއް ކަނޑައަޅަން ޖެހުނީ. ސްޓޮކް ހުސްވީކީއެއްނޫން. ސްޓޮކް ހަމަ އެބަހުރި އިނގޭތޯ. ދެން ލިމިޓުގެ ދަށުން އެކި ފަރާތްތަކަށް އެކި މިންވަރަށް އިންނަނީ. ކުރިން ދިން މިންވަރަކަށް ނުދެން. ލިމިޓު ކޮށްގެން ކޮންމެ ދުވަހަކު ވަކި މިންވަރަކަށް މިދެނީ،"
ގަސަމް ވިދާޅުވި ތެޔޮ ކޮންޓްރޯލްކުރިނަމަވެސް އެކަމުގެ އަސަރު އާންމުންނަށް ނުކުރާނެކަމަށެވެ. އަދި މިހާރުވެސް ތެޔޮ ހުސްވެފައިވާ ބައެއް ކުންފުނިތަކަށް ސަޕްލައި ލިބެން ފަށާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.
"މިހާރުވެސް ކޮންމެވެސް ވަރަކަށް މައިތިރިވާން ފަށާފަ ވަނީ. ބައެއް ފަރާތްތަކަށް މިހާރުވެސް ލިބިފަކަމަށް ވަނީ. ދެން އަނެއްބައި ފަރާތްތަކަށް މިމަހުގެ ހަތްވަނަ ދުވަހު ލިބޭކަމަސް ވަނީ. އަޅުގަނޑުމެންގެ އަތުގަ އެބަހުރި އިނގޭތޯ. އާންމުންނަށް އަސަރެއް ނުކުރާނެ،"