ރާއްޖޭގައި އިންސާނީ އެކިއެކި ހައްގުތަކުގެ ހާލަތު ގޯސްކަމަށާއި، މިކަންކަމަށް އިހުމާލުވާ ގިނަ ފަރާތްތަކެއް އެބަތިބިކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
އެޗްއާރްސީއެމްއިން އާންމުކޮށްފައިވާ " ހިއުމަން ރައިޓްސް ރިޕޯޓް 2021" ގައި 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިދިޔަ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުޖ މަހުގެ 30 ވަނަ ދުޗަހުގެ ނިޔަލަށް ފާހަގަކުރެވުނު ކަންކަން ވަނީ ހިމަނާފައެވެ. މި ރިޕޯޓަކީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލާ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އެގޮތުން ރިޕޯޓުގައި، މި މުއްދަތުގައި ކޮމިޝަނަށް ހުށައެޅުނު އެކިއެކި މައްސަލަތަކުގެ ތަފްސީލާއި، އިންސާނީ ހައްގުތަކުގެ ހާލަތުގެ އިތުރުން ހުށައެޅުންތައް ތަންފީޒްކޮށްފައިވާ މިންވަރު އަންގައިދޭ ފެކްޓްޝީޓްވެސް ހިމަނާފައިވެއެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން:
- ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވޭ
- ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި އިޖުތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އެޑްރެސް ކުރެވިފައެއް ނުވޭ
- ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ މައްސަލަތައް މުޖުތަމަޢުން ނައްތާލުމަށްޓަކައި ގޮތްނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވޭ
- އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން ފާހަގަކޮށްފައިވޭ.
- އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަމާއި، އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން ފާހަގަކޮށްފައިވޭ
- މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާގޮތަށް ޤާނޫނީ އޮނިގަ ނޑު ފަރުމާކުރެވިފައި ވީނަމަވެސް އެކަން ތަންފީޒުކުރުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައި ނުވާކަމަށް ބުނެފައިވޭ
- އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާކުރެވޭ އަދަދު މަދުކަން ފާހަގަކޮށްފައިވޭ
- ނޮން-ކޮންސެންޝުއަލް ޕޯނޯގްރަފީ، ރެކޯޑެޑް ސެކްޝުއަލް އެސޯލްޓް އަދި ސެކްސްޓޯޝަން ފަދަ ސައިބަރ ކްރައިމްސް މުޖްތަމަޢުގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވޭ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ދެނެގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމާއި، މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފަސްޖެހޭކަން އަދި ރިޕޯޓުކުރެވޭ މައްސަލަ މަދު
- ތަންފީޛީ އިދާރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައްސަލަތައް ހުށަހެޅުމަށް އެންމެ އެކަށީގެންވާ އިންތިޒާމް ހަމަޖެހިފައެއް ނުވޭ
- އަނިޔާގެ މައްސަލަތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި އަންހެންކުދިން އަނިޔާއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު
- ކުޑަކުދިން ގުރޫމްކޮށް، ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ލަންބާލުމަށް މަސައްކަތް ކުރާ ބަޔަކު އުޅޭއިރު، އެފަދަ ކުދިން ސަލާމަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް މަދުކަމާއި މިފަދަ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ރާވާ ހިނގޭނެ އިންތިޒާމުތަކެއް ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ދިއުމުގެ މުހިންމުކަމާ އަދި އަނބުރާ މުޖުތަޢުގެ ތެރެއަށް ގެނައުމަށް ސަރުކާރުގެ މުއައްސަސާތަކުން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކޮށްފައިވޭ
- މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކުން ބޯހިޔާވަހިކަން ހޯދަނީ ޕްރައިވެޓް ހައުސިންގ ގެ މައްޗަށް ބަރޯސާވެގެންކަމާއި، މާލޭގައި ޕްރައިވެޓް ހައުސިންގ ގެ އަގުބޮޑުކަން ފާހަގަކޮށްފައިވޭ
- ސަރުކާރުން ގިނަ ރަށްރަށުގައި ގެދޮރު ބިނާކުރުމަށް ބިންދޫކުރުން ހުއްޓާލާފައިވާކަމާއި އެތައް ޢާއިލާއަކުން އެއް ގެއެއްގައި ދިރިއުޅެމުން ދާކަންވެސް ފާހަގަކޮށްފައިވޭ
- ަވަޒީފާއާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން މުސާރަ ނުލިބުމުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ޙައްލު ކުރަންޖެހޭ އިދާރާއަކީ ލޭބަރ ރިލޭޝަން އޮތޯރިޓީކަމަށްވެފައި، އެއިދާރާއިން މިފަދަ މައްސަލަތައް ބެލުމުގައި ލަސްވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވޭ
- ބިދޭސީންގެ މައްސަލަތަކުގައި ހިއުމަންޓްރެފިކިންގ ޢަމަލު ފާހަގަކުރެވިފައިވާކަމާއި އެގޮތުން ބިދޭސީން ރާއްޖެގެނެސް ޕާސްޕޯޓް އަތުލާ އަދި ވިސާ ނުނަގާ އޮތުމުގެ ސަބަބުން އެފަރާތްތައް މަގުމަތިވެ ބައެއް ފަހަރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަމާ އަދި ބައެއްފަހަރު އެފަރާތްތައް ޑޮކްޓަރަށް ނުގޮސް ތިބުމުގެ ސަބަބުން ޞިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފައިވޭ
- ޖަލަށް ބަންދަށް/ހުކުމަށް ގެންދެވޭ ފަރާތްތަކުގެ ހެލްތު ސްކްރީނިންގ ހެދުމަށްފަހު ރަގަޅަށް ޑޮކިއުމަންޓް ކުރެވިފައި ނުހުންނަކަމާއި، ޖަލުގެ މެޑިކަލް ސެންޓަރުގައި މަސައްކަތްކުރާ ޑޮކްޓަރު ބެލުމަށްފަހު ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ރިފަރަލް ހެދުމުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުން ލަސްވާކަން އަދި، ޤައިދީން/ބަންދު މީހުންގެ މެޑިކަލް ފައިލްގައި ޑޮކިއުމަންޓްތައް ރަގަޅަށް ތަރުތީބުވެފައި ނުހުންނަކަން ފާހަގަކޮށްފައިވޭ
- ގައިދީންގެ ތެރެއިން އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި، ނަފްސާނީ މައްސަލަތައް ހުންނަ ގައިދީން ވަކި ޚާއްސަ އުސޫލެއްގެ ދަށުން މޮނިޓަރކުރެވޭނެ އިންތިޒާމެއް ނެތްކަން ފާހަގަކޮށްފައިވޭ
ރިޕޯޓްގައި ވަނީ މި ފަދަ ހައްގުތައް ކަށަވަރުކުރުމަށް ހުރި ހުރަސްތަވެސް ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަމަށް އިހުމާލުވާ ފަރާތްތަކާއި އިދާރާތައްވެސް ފާހަގަކޮށްފައިވެއެވެ.
ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ދަށުން، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގައި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި މޮނިޓަރކޮށް، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި ޝާއިޢުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާނެ ގޮތުގެމަތިން ކޮންމެ މީހަކަށްވެސް ލިބިގެންވާނެކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިދާނެ ޤާނޫނީ އުސޫލުވެސް މި ޤާނޫނު އަސާސީގައި ވަނީ ކަ ނޑައަޅުއްވާފައެވެ.
މިއީ، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ހިތާ މިންވަރު ވަޒަން ކުރުމަށްޓަކައި މައުލޫމާތު އެއްކޮށް ރިޕޯޓެއް ނެރުނު ފުރަތަމަ ފަހަރެވެ.